ރައީސް އޮފީސް

އެޗްއާރްސީއެމްގެ މެންބަރުކަމަށް އަލުން ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް -- އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލީ އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ މިމަހުގެ އަށްވަނަ ދުވަހު ކުރި އިއުލާނަށް އެކަށީގެންވާ އަދަދަށް ބޭފުޅުން ކުރިމަތިލާފައިނުވާތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

އެ ކޮމިޝަނުގެ މެމްބަރު ކަމުގެ މަގާމު ހުސްވެފައިވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް ޢަބްދުﷲ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެޗްއާރްސީއެމްގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށް ރައީސް އޮފީހުންނެވެ.

އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ ހަތަރު މެންބަރުންނެވެ. ކޮމިޝަންގެ ރައީސްއަކީ މަރްޔަމް މުނާ އެވެ. ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ މުއުމިނާ ވަހީދު އާއި އާމިނަތު ޝިފާއަތު އަބްދުއްރައްޒާގުގެ އިތުރުން ސަމާއު އަހުމަދު ނަޖީބެވެ.