ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް -- އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ކޮމިޝަނުގެ މެމްބަރު ކަމުގެ މަގާމު ހުސްވެފައިވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް ޢަބްދުﷲ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެޗްއާރްސީއެމްގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 އަދި 16 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށް ރައީސް އޮފީހުންނެވެ.
އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ ހަތަރު މެންބަރުންނެވެ. ކޮމިޝަންގެ ރައީސްއަކީ މަރްޔަމް މުނާ އެވެ. ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ މުއުމިނާ ވަހީދު އާއި އާމިނަތު ޝިފާއަތު އަބްދުއްރައްޒާގުގެ އިތުރުން ސަމާއު އަހުމަދު ނަޖީބެވެ.