ދުނިޔެ

ޗައިނާ ފަތުރުވެރިންގެ އަހުލާގު ހިފަހައްޓަން އާ ފިޔަވަޅެއް

Apr 12, 2015

ޗައިނާ ފަތުރުވެރިން ބޭރު ގައުމުތަކަށް ގޮސް ކުރާ "ނާތަހުޒީބު" އަމަލުތައް ވަނީ އެތައް ބައެއްގެ ސަމާލު ކަމަށް އައިސްފައެވެ. މިހެންވެ، އެ ގައުމުގެ "އިމެޖް" ނުވަތަ ރީތި ނަން ހިފެހެއްޓުމަށްޓަކައި މި ފަދަ އަމަލުތައް ކުރާ މީހުންގެ "ރެކޯޑެއް" ދެ އަހަރު ދުވަސް ވަންދެން ބާއްވާ ގޮތަށް ޗައިނާ ސަރުކާރުން ހަމަޖައްސައިފިއެވެ.

ޗައިނާ ފަތުރުވެރިންގެ އަހުލާގީ ގޮތުން ދަށް ފެންވަރުގެ އަމަލުތަކުގެ ތެރޭގައި އެ މީހުން ދަތުރު ކުރާ ގައުމުތަކުގެ ސަގާފަތާއި އާދަކާދަތަކަށް އިހުތިރާމް ނުކުރުމާއި، ޕަބްލިކް އިންފްރާސްޓްރަކްޗަރާއި ތާރީހީ ބިނާތަކަށް ގެއްލުން ދިނުމާއި ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ އާއްމު ދަތުރުފަތުރު ނިޒާމު ބޭނުން ކުރުމުގައި މީހުންނަށް އުނދަގޫވާނެ ކަންތައްތައް ކުރުމުގެ އިތުރުން ޖުވާ ކުޅުމާއި ނާސި ހަރަކާތްތަކުގައި ބައިވެރިވުން ވެސް ހިމެނެއެވެ.

"ޗައިނާގެ އަގު މިހާރު ވެސް ވަނީ ވެއްޓިފައި،" ޗައިނާ ނެޝަނަލް ޓޫރިޒަމް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

އެ އެޖެންސީން ބުނީ މިފަދަ އަމަލުތަކަށް "އަދަބު ދޭން ޖެހޭނެ" ކަމަށެވެ. ނަމަވެސް އެއީ ކޮން ކަހަލަ އަދަބެއް ކަމެއް ތަފުސީލު ދީފައެއް ނުވެއެވެ.

ޗައިނާ ފަތުރުވެރިންގެ "ލަދުވެތި އަމަލުތައް" ހޯދައިގަންނާނީ އެ ފަތުރުވެރިން ދަތުރު ކުރާ ގައުމުތަކުގެ ޓޫރިޒަމާ ގުޅޭ ފަރާތްތަކާއި މީޑިއާތަކާއި އަދި އާއްމު ފަރުދުންގެ ފަރާތުން މައުލޫމާތު ހޯދައިގެން ކަމަށް އެ އެޖެންސީން ބުންޏެވެ.

މިސްރުގެ ލަކްސޯގެ ޒަމާންވީ ފައްޅިއެއްގެ ފާރުގައި ޗައިނާގެ ފަތުރުވެރިއަކު ވަނީ 2013 ވަނަ އަހަރު އޭނާގެ ނަން ކަނޑާނަގައިފައެވެ. މި ކަމާ ގުޅިގެން މިސްރުގެ އާއްމުންގެ ނަފުރަތު ވަނީ ޗައިނާގެ ފަތުރުވެރިންނަށް އަމާޒުވެފައެވެ.

ހޮންގްކޮންގްގައި ހިނގި ހާދިސާއެއްގައި ޗައިނާގެ ދެމަފިރިއަކު ވަނީ އެ ދެ މީހުންގެ އުމުރުން ދެ އަހަރު ވީ ދަރިފުޅު މަގެއްގެ ދުވާރުގެ މައްޗަށް ބޮޑުކަމު ގެންގޮސްފައެވެ.

ތައިލެންޑްގެ ފައްޅިއެއްގައި ޗައިނާގެ ފަތުރުވެރިންތަކެއް އެ މީހުންގެ ޖަންގިޔާތައް ދޮވެ ހިއްކަން އެޅުމާ ގުޅިގެން ހޭލުންތެރި ކުރުމުގެ ލީފްލެޓްތަކެއް ޗައިނާ ބަހުން ވަނީ ޝާއިއުކޮށްފައެވެ.

ޗައިނާގެ އިގުތިސާދު ރަނގަޅުވަމުން އައުމުގެ ސަބަބުން ގިނަ ބަޔަކު މުއްސަނދިވެ، އެ ގައުމުގެ ފަތުރުވެރިންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ، ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޑަބްލިޔު.ޓީ.އޯ)އިން ހާމަކުރާ ގޮތުގައި 2012 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ ބޮޑު ޓޫރިސްޓު މާކެޓަކީ ޗައިނާގެ ފަތުރުވެރިންނެވެ.