ދުނިޔެ

ކައުނު ފުޅާ ވަމުން އަންނަނީ ހީކުރިހާ ހަލުވި މިނުގައެއް ނޫން

Apr 12, 2015
1

މި ކައުނު ދުރަށް "ފެތުރެމުން" ދަނީ ކުރިން ހީކުރި ވަރަށް ވުރެ ދަށް ސްޕީޑެއް ކަމަށް ސައިންސްވެރިން ބުނެފި އެވެ.

އެމެރިކާގެ އަރިޒޯނާ ޔުނިވާސިޓީން، ގޮވާފައިވާ ތަރިތައް ނުވަތަ "ސުޕަނޯވާ" އާ ގުޅޭ ގޮތުން ކުރި އާ ދިރާސާއަކުން އެނގުނީ މި ކައުނު ނުވަތަ ޔުނިވާސް، ބިގް ބޭންގް "ފަޅައިގެން" ދިއުމަށް ފަހު ޖާގައިގެ ގޮތުން ފުޅާވަމުން ނުވަތަ "އެކްސްޕޭންޑް" ވަމުން އަންނަނީ ކުރިން އަންދާޒާ ކުރި ހަލުއި މިނުގައި ނޫން ކަމަށެވެ.

ކައުނު ފުޅާ ވަމުން އަންނަކަން ފުރަތަމަ ފާހަގަ ކުރެވުނީ ގެލެކްސީތައް ދަނީ އެކަތި އަނެކައްޗާ ދުރަށްކަން މީގެ އަހަރުތަކެއް ކުރިން ހާމަ ވުމުންނެވެ. ނަމަވެސް ކައުނު ފުޅާ ވަމުން ދަނީ ސީދާ ކީއްވެކަން ސައިންޓިސްޓުންނަށް ވަނީ ބުނެދޭން ނޭނގިފައެވެ. ބައެއް ސައިންސްވެރިން ބުނަނީ އެއީ މި ކައުނުގައި ހުންނަ "ޑާކް މެޓާ" ނުވަތަ "އަނދިރި މާއްދާ"ތަކުގެ އިތުރުން ގޮތް ނޭނގޭ އިތުރު ބާރެއްގެ ސަބަބުން ކަމަށެވެ.

މި ގޮތް ނޭނގެ ބާރުގެ ސަބަބުން މި ކައުނު ދާއިމީ ގޮތެއްގައި ދާނީ ފުޅާ ވަމުން ކަމަށް ލޯރަންސް ކްރޯސް ފަދަ ބައެއް ސައިންސްވެރިން ވިދާޅުވާއިރު އަނެއް ބައި ސައިންސްވެރިން ވިދާޅުވަނީ "ގްރެވިޓީ" ނުވަތަ ދަމާ ބާރުގެ ސަބަބުން ވަކި ހިސާބަކުން ޔުނިވާސް "ކޮލަޕްސް" ވާނެ ކަމަށެވެ. މާނައަކީ އަލުން ކުޑަ ވާން ފަށާނެ ކަމަށެވެ. މިއަށް ކިޔަނީ ބިގް ކްރަންޗްއެވެ. މި ގޮތަށް ދެކޭ ސައިންސްވެރިން ގަބޫލު ކުރައްވާ ގޮތުގައި މި ކައުނަކީ ހިތެއްހެން ދާއިމީ ގޮތެއްގައި "ބޮޑުވެ ކުޑަވެ ބޮޑުވެ ކުޑަވެ" ހުންނަ އެއްޗެކެވެ.