ލައިފްސްޓައިލް

އެއްކޮށް ރޯ ނުފިލުވާ ބިސް ކެއުން ރައްކާތެރިއެއް ނޫން!

Jun 30, 2017

މި ދުވަސްވަރު އެންމެ ބާރަށް މި ދެކެވެނީ ކުކުޅު ބިހުގެ ވާހަކަ އެވެ. ޕްލާސްޓިކް ބިހުގެ ބިރުވެރިކަން ނެތް ނަމަވެސް ހިތުގެ އެންމެ އަޑިން ބިރުވެރިކަން ހިތުގައި ތިބި މީހުން ނިކަން ގިނަ އެވެ. ބައެއް މީހުން ބިސް ބޭނުންކުރަން މިހާރު ޖެހިލުންވެސްވެ އެވެ. އެހެން ނަމަވެސް ރާއްޖެ އެތެރެކޮށްފައި ހުރީ ރަނގަޅު ބިސްކަން ކަމާބެހޭ އިދާރާތަކުން މިވަނީ ޔަގީންކޮށްދީފަ އެވެ.

ބިސް ބޭނުންކުރާއިރު ބައެއް މީހުންނަށް ހެދޭ ގޯސްތަކެއް އެބަހުއްޓެވެ. ފަހަރުގައި މީރު ވީމަ ކަމަށްވެދާނެ އެވެ. އެއީ ބިސް ރޯ ނުފިލުވާ ބޭނުންކުރުމެވެ. އޮމްލެޓް އަދި އަދި ބިސް ފެނުކައްކާ އިރުވެސް އެއްކޮށް ރޯ ނުފިލުވާ ބޭނުންކުުރުމެވެ. ސިއްހީ މާހިރުން ބުނަނީ ފަހަރުގައި ފުޑް ޕޮއިޒަން ވެދާނެ ކަމަށެވެ. ހާއްސަކޮށް ކުޑަކުދިންނާއ، މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި އެއްވެސް ކަހަލަ ބައްޔެއް ތަހައްމަލް ކުރަމުންދާ މީހުންނެެވެ.

ފުޑް ޕޮއިޒަން ވުމަށް މެދުވެރިވަނީ ބިހުގައި ހުންނަ ސެލްމޮނެލާ ކިޔާ ބެކްޓީރިއާއެއްގެ ސަބަބުންނެވެ. އެއްކޮށް ރޯ ނުފިލުވާ ބިސް ބޭނުންކުރާނަމަ ޕޭސްޓިރައިޒް ކޮށްފައި ހުންނަ ބިސް ބޭނުންކުރުމުން ފުޑްޕޮއިޒަން ވުމުގެ ފުރުސަތު ކުޑަވާނެ އެވެ. ޕޭސްޓިރައިޒް ކުރުމުން ބިހުގައި ހުންނަ ބެކްޓީރިއާތައް މަރުވެ އެވެ.

ޕޭސްޓްރައިޒްކޮށްފައި ހުންނަ ބިސް އާންމުކޮށް އާދައިގެ ފިހާރަތަކުން ލިބޭކަށް ނުހުރެ އެވެ. އެހެން ނަމަވެސް މާލޭގެ ބޮޑެތި ބައެއް ފިހާރަތަކުން ލިބެން އެބަހުއްޓެވެ. ޕޭސްޓްރައިޒްކޮށްފައި ހުންނަ ބިސް އާންމުކޮށް ހުންނާނީ ޕެކެޓްކޮށްފައި ގަނޑުކޮށްފަ އެވެ.

ޕޭސްޓިރައިޒް ނުކޮށް ހުންނަ ބިސް ބޭނުންކުރާއިރު ބިސް އެންމެ ފުރިަހަމަ ގޮތަށް ރައްކާކުރަން ވިސްނަންވާނެ އެވެ. އެގޮތުން ބެކްޓީރިއާ އެހެން ކާއެއްޗެއްސަށް ދިއުމުގެ ފުރުސަތު ކުޑަކުރުމަށް އެހެން ކާ އެއްޗެއްސާ ދުރުކޮށް ބެހެއްޓިދާނެ އެވެ. އަދި އައިސް އަލަމާރީގެ ދޮރުފަތުގެ ބަދަލުގައި ފިނި ގަދަ ހިސާބެއްގައި ބަހައްޓާށެވެ. ބިސް އައިސް އަލަމާރިއަށް ލުން މުހިންމެއް ނޫނެވެ. އެހެން ނަމަވެސް އެއްފަހަރު ވެސް ބިސް އަލަމާރިއަށް ލައިފިނަމަ އެ ބިސް ބޭނުންކުރަންދެން އަލަމާރީގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ.

ބިސް ރޯ ނުފިލުވާ ބައެއް ކަހަލަ ކާނާތައްވެސް ޕޭސްޓްރައިޒްކޮށްފައި ހުންނަ ބިސް ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ އެވެ. މިސާލަކަށް ގޭގައި ތައްޔާރުކުރާ މަޔޮނައިސް، އައިސްކްރީމް، މޫސް އަދި އައިސިން އަށް ޕޭސްޓްރައިޒްކޮށްފައި ހުންނަ ބިސް ބޭނުންކުރާށެވެ. ބާޒާރުގައި ވިއްކަން ހުންނަ މަޔޯނައިސް، އައިސިން އަދި އައިސްކްރީމް ފަދަ ތަކެތި ތައްޔާރުކޮށްފައި ހުންނަނީ ޕޭސްޓްރައިޒްކޮށްފައި ހުންނަ ބިސް ބޭނުންކޮށްގެންނެވެ.