"ހިޔާލުގައި ވީ އެ ވައުދާ، ލޯތްބަކުން ހިތް މިލާދާ، ހޫނެއްގައި ދިން ގިސްލާ ރޮމޭ، ލޯބިން ހިތް ދިނީމާ ކާކުހޭ ވީ އޯގާ،" ހިތް ހަލާކުވެގެން ހިތުގައި އެޅުނު ކޫރުންތަކުން ލޭ ހިލުވާލައިގެން ކިތަންމެ ޒަމާނެއް ވަންދެން މި ލަވަ ކިޔަން އޮވެގެން ތި ޒަހަމްތަކަށް ފަރުވާއެއް ނެތެވެ. އިތުރަށް ތި ލެވެނީ "ލޮނު މިރުހެ"ވެ. ތިގޮތުގައި ހައެއްކަ އަހަރު ދުވަސް ވިޔަސް އާ ލޯތްބަކަށް ފުރުސަތު ނުދެވޭނެ އެވެ. ވަގުތަކީވެސް ފަރުވާ އެކެވެ. އެކަމަކު ލަކުނުތަކެއް ނުފިލާނެ އެވެ.
ކިތަންމެ ދުވަހެއް ވަންދެން ތިހެން ހުއްޓަސް ހިތުގައި މަލަން އަޅައިދީފައި ފިރުމާލާފައި ގޮވައިގެން ދާނެ "ޕްރިންސް" އެއް ނާންނާނެ އެވެ. އުމުރު ދުވަހު ހުއްޓަސް އެވެ. އެންމެ ފުރަތަމަ ގޮތެއް ނިންމާށެވެ. ޒުވާން އުމުރު ހުސްހަށި ބައިކޮށް ދުއްވާލާ މުސްކުޅި އުމުރުގައިވެސް އެކަމާ ހިތާމާ ކުރާނީ އެވެ. ނުވަތަ ހިތްވަރުކޮށްލާފައި އާ ހަޔާތެއް ފަށައިގެން ދިރިއުޅުމައިގެން ކުރިއަށް ދާނީ ހެއްޔެވެ؟ ކޮންމެވެސް އެއްގޮތެއް ނިންމައިގެން ނޫނީ ތި ޒަހަމްތަކެއް ނުފިލާނެ އެވެ. އެތައް އަހަރެއް ވަންދެން ލޭ ހިލި ހިލި ހުރެދާނެ އެވެ.
އަލުން އާ ގުޅުމަކަށް ދާންވާނީ ވިސްނާފަ އެވެ. ހަމަ ހުރެފައި އެންމެ ފުރަތަމަ ދިމާވާ މީހާ އާ އިނދެލައިގެން ދަރިންތަކެއް ހޯދިއަސް އުފާވެރިކަމުން ފަސްބައި ފުރައެއް ނުލާނެ އެވެ. ހިންހަމަ ޖެހޭ ރަނގަޅު އޯގާވެރި އަދި އާއިލާ ގަބޫލު މީހަކު ހޯދަންވާނެ އެވެ. ރަނގަޅު މީހަކު ލިބޭނީވެސް މަސައްކަތްތަކެއް ކޮށްގެންނެވެ. ހަތަރު ދަމު ފޭސްބުކް ނިއުސް ފީޑް ހާވަން އޮތަކަސް އެކަމެއް ނުވާނެ އެވެ.
މައްސަލައެއް ނެތެވެ. ހިތް ހަލާކުވީ އޭނަ ބޭވަފާތެރިވެގެންނެއް ނޫނެވެ. އަމިއްލަ އަށް ހެދުނު ގޯހަކުންނެވެ. އެންމެ ކުށަކަށް މާފު ނުލިބެގެންނެވެ. އެހެންވެ ތިހިރީ އަމިއްލަ ނަފްސު ކުށްވެރިކޮށްގެންނެވެ. އެންމެ ހިތް އެދުނު ލޯބި ނުލިބުނީ އަމިއްލަ މީހާގެ ގޮތް ކުޑަ ކަމާއި ވިޔާނުދާ ވެގެން ވީމަ އެވެ. އެކަމަކު ތިއީ އިންސާނެއް ނޫން ހެއްޔެވެ؟ ކުށް ކުރެވޭނެ އެވެ. ކުށަށް ތައުބާ ވީމަ ނިމުނީ އެވެ. މައާފަށް އެދުމުން މައާފް ކުރުން ނުވަތަ ނުކުރުން އެއީ އެހެން ކަމެކެވެ. ފަހަރުގައި އެއީ މާފް ނުލިބޭ ވަރުގެ ބޮޑު ކުށަކަށް ހަގީގަތުގައި ނުވެދާނެ އެވެ. ފަހަރުގައި ވެދާނެ އެވެ. އެކަމަކު އަމިއްލަ ނަފްސަށް މައާފްކޮށްގެން ނޫނީ ހިންހަމަ ނުޖެހޭނެ އެވެ. އަމިއްލަ ނަފްސަށް މައާފްދީ ކުރިއަށް ދާށެވެ. ކޮންމެވެސް ދުވަހަކުން އޭނަވެސް އެކުށަށް މައާފް ދޭނެ އެވެ. ވަގުތަކީ ހައްލެކެވެ.
"މޫވް އޮން" ކުރުމަކީ ފަސޭހަ ކަމެއްގެ ގޮތުގައި ދެކިގެން ކޮށްފިނަމަ މާ އުނދަގޫ ކަމެއް ނޫނެވެ. އެކަމަކު ނުވާނޭ ހިތަށް އަރާނަމަ އެއީ ވަރަށް އުނދަގޫ ކަމެކެވެ. ވާހަކަ ދައްކާށެވެ. ލިޔާށެވެ. ނަށާށެވެ. ކުރަހާށެވެ. ލަވަ ކިޔާށެވެ. ހިންހަމަ ޖެހޭ ކޮންމެ ކަމެއްވެސް ކުރާށެވެ. އަމިއްލަ އިހުސާސްތައް ބޭރުކުރުމުން ނޫނީ އެކަމެއް ނޫނެވެ. ލިޔުމަކީ އޭގެ ޒާތުގައި އެންމެ ފަސޭހަ ގޮތް ކަމަށް ގިނަ މީހުން ބުނެ އެވެ.
އެންމެ ކުޑައިރުން ފެށިގެން ހާސިލް ކުރަން ބޭނުންވެގެން އުޅުނު "ގޯލް" ތައް އަދި ހާސިލްނުވެ އެއް ނޫން ހެއްޔެވެ؟ ހޯދަން ބޭނުންވެގެން އުޅުނު ޕްރޮމޯޝަންވެސް ނުލިބެ އެވެ. އާ ހިތްވަރެއް ލާފައި އެކަމާވެސް މިހާރު އުޅެން ވެއްޖެ އެވެ. އުފާވާނެ އެވެ. އުފާވެރިކަން އަނބުރާ ލިބޭނެ އެވެ.
އަދި ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ. ހެޔޮ އެދޭ ރައްޓެހިންނާ އެކުގައި އުޅޭށެވެ. ހިންހެޔޮ ކަން ދައްކާލާފައި އުޅޭ އެންމެންނަކީ ރައްޓެހިންނެއް ނޫނެވެ.