އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ޕޮލެންޑަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަޝިޔާއާ އެންމެ ކައިރީގައިވާ ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވާނެ ކަަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ބުނެފިއެވެ.
ޖީ ޓްވެންޓީ ސަމިޓްގައި ބައިވެރިވަޑައިގެންނެވުމަށް ޖަރުމަނަށް ކުރައްވާ ދަތުރުފުޅުގައި ޕޮލެންޑްގެ ވެރިރަށް ވާސޯއަށް ޓްރަމްޕް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައި ކަމަށް ރޮއިޓާސް ބުންޏެވެ.
ވައިޓްހައުސް އިން ބުނީ ރަޝިޔާއާ އެންމެ ކައިރީގައިވާ ގައުމުތަކުގެ ވެރިންނާއެކު ބާއްވަވާ ބައްދަލުވުމުގައި ކުރައްވާ ތަގުރީރުގައި ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އަށް ދެއްވާ އެއްބާރުލުން ފާޅު ކުރައްވާނެ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ޕޮލެންޑަށް ލިބިފައިވާ މަގާމު ޓްރަމްޕްގެ ދަތުރުފުޅުގެ ސަބަބުން ހަރުދަނާ ވެގެން ދާނެ ކަމަށް އެގައުމުގެ ރައީސް އެންޑްރްޒެޖް ޑޫޑާ މިއަދު ވިދާޅުވިއެވެ.
"މިއީ ރައީސް ޓްރަމްޕް ގަައުމުން ބޭރަށް ކުރައްވާ ދެނަވަ ދަތުރުފުޅު. އަދި މިދަތުރުފުޅު ފެއްޓެވީ ޕޮލެންޑުން. މިކަމުން ދޭހަކޮށްދެނީ އަހަރެމެންނަކީ ހައިސިއްޔަތެއް ލިބިގެންވާ ގައުމެއްކަން އަދި މިކަމުން ޔޫރަޕިއަން ޔޫނިއަންގައި އަހަރެމެންގެ މަގާމު ހަރުދަނާ ވާނެ" ރޭޑިއޯ މެދުވެރިކުރައްވައި ޑޫޑާ ވިދާޅުވިކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.
އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ޑޮނަލްޑް ޖޭ ޓްރަމްޕް ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ސައުދީ އަރަބިއްޔާއަށެވެ. އެ ދަތުރުފުޅުގައި ސައުދީ ވެރިންގެ އިތުރުން އަރަބި އިސްލާމީ 53 ގައުމެއްގެ ވެރިންނާ އޭނާ ބައްދަލު ކުރެއްވި އެވެ.