ލައިފްސްޓައިލް

ކުއްޖާގެ އުފެއްދުންތެރިވަނީ ބެލެނިވެރިން ފާޑުކީ ވަރަކަށް!

Jul 9, 2017
2

އުމުުރުން ފަސް އަަހަރުގެ ދަރިފުޅު އެ ދުވަހު ސްކޫލުން އައީ އަމިއްލަ ގެ ފެންނަ މަންޒަރެއް ކުރަހާފަ އެ ހިފައިގެންނެވެ. އެންމެ ފުރަތަމަވެސް އައިސް މަންމަ އަށް ދެއްކީ އެވެ. ވަރަށް ރީއްޗެވެ. ނޫ ކުލައިގެ ކުޑަ ކުޑަ ގެއަކާއި އޮރެންޖު ކުލަ ޖައްސާފައި އިން އިރެކެވެ. ތަފާތު ކަމަކަށް އިނީ އުޑުގައި ޖައްސާފައި ހުރި ކުލަ އެވެ. ނޫ ކުލައިގެ ބަދަލުގައި އުޑުގައި ޖައްސާފައި ހުރީ ފެހި ކުލަ އެވެ.

"ކީއްވެ އުޑުގައި ފެހި ކުލަ ޖައްސާފައި މިހިރީ. އުޑުގައި ޖައްސަން ޖެހޭނީ ނޫ ކުލަ." ރީއްޗޭ ބުނެ ހިތްވަރު ދިނުމުގެ ބަދަލުގައި އެންމެ ފުރަތަމަވެސް މަންމަ ބުނީ އެހެންނެވެ. އުޑުގައި ޖައްސަން ޖެހޭނީ ނޫ ކުލަ ކަން އޭނަ އަށް އެނގޭނެ އެވެ. ފެހި ކުއްލަ ޖައްސާފައި އެހެރީ އެ ގޮތް އޭނައަށް ކަމުދާތީ އެވެ. ރީތި ވީމަ އެވެ.

އޭނާގެ އަމިއްލަ ހިޔާލީ ދުނިޔޭގައި އުޑުގައި ހުންނަނީ ފެހި ކުލަ ކަމަށްވެސް ވެދާނެ އެވެ. ނޭނގި ނަމަވެސް ކުއްޖާގެ ހުނަރަށް ދެވޭ އެފަދަ ފީޑްބެކް ތަކަކީ އޭނާގެ ކްރިއޭޓިވިޓީ ދަށްވާ ކަމެއް ކަމަށް ކަމާބެހޭ ސިއްހީ މާހިރުން ވިދާޅުވެ އެވެ.

ކުޑަކުދިންގެ ކްރިއޭޓިވިޓީ އިތުރުވުން ނުވަތަ ގެއްލުން ބިނާވަނީ ބޮޑެތި މީހުންގެ ފަރާތުން ލިބޭ ފީޑްބެކް ތަކުންނެެވެ. އެހެންވީމަ ކުއްޖާ ކުރަހާފައި ހުންނަ އެއްޗެއްސަށް ފާޑު ކިއުމުގެ ކުރިން ވިސްނަން ވާނެ އެވެ.

އެކަހަލަ ކަންތައްތަކާއި ދޭތެރޭ ވިސްނުން ތިހުންނަ ގޮތް އެއްކޮށް ބަދަލުކުރާށެވެ. އުޑުގައި ހުންނަން ޖެހޭނީ ހަމަ އެކަނި ނޫކުލަ އެވެ. އެހެން ވިސްނައިގެން ދަރިފުޅަށް ފާޑު ނުކިޔާ ނޫކުލަ ނޫން އެހެން ކުލައެއް އުޑުގައި ޖައްސަން ދަރިފުޅު ދެނެގަނެ އެކަން ކުރީ ކޮންމެވެސް ސަބަބެއް އޮތީމައެއް ނޫން ހެއްޔެވެ؟ ދުނިޔޭ އާ ދޭތެރޭ ތިމާ ވިސްނާ ގޮތަށް ދަރިފުޅު ލައްވާ ވިސްނުވަން މަސައްކަތް ނުކުރާށެވެ. ތިމާގެ ދުނިޔެ އާ ދަރިފުޅުގެ ދުނިޔެ ތަފާތު ވާނެ ކަން ވިސްނާށެވެ. އޭނާގެ ވިސްނުން ހުންނާނީ އެހެން ހިސާބެއްގަ އެވެ. މި ދުނިޔެއަކީ އޭނައަށް އާ ތަނެކެވެ. ކުރެވިފައި ހުރި ތަޖުރިބާތައް އިނގިލިން ގުނާލެވޭހާ މަދުވާނެ އެވެ.

އަމިއްލަ ހިޔާލަށް އެއްޗެހި ކުރަހާ އުފައްދަން ބޭނުންވާ ވަގުތާއި އެއްޗެހި އަދި ބޭނުން އެހެން ކަންތައްތައް ފުރިހަމަކޮށްދޭން ވާނެ އެވެ. ކްލޭ އިން ކުއްޖާ ހަދަން އިންނަ މުސަޅުގައި ކުޑަ ކަންފަތެއް ހުރެފައި ދިގު ކަރެއްވެސް ލާފައި ހުރެފާނެ އެވެ. އެއީ ހަގީގަތުގައި މުސަޅެއް ނޫން ނަމަވެސް އެއަށް ނެގަޓެވިކޮށް ފާޑު ނުކިޔާށެވެ. އެއީ އޭނަ ބޭނުންވާ ގޮތް ކަމަށްވެދާނެ އެވެ. އެކަމަކު ހިޔާލަކަށް އެދެފިނަމަ ބުނެދޭންވާނެ އެވެ.

މަސައްކަތުގެ މެދުތެރެއިން ފާޑު ކިޔާނަމަ ފޫހިވާނެ އެވެ. ފެންކުލަ ފޮށި ހިފައިގެން ކުލަ ޖައްސަން އިނދެފައި ފިހި ބާއްވާފައި އިނގިލިން ކުލަޖައްސަންވެސް ފަށާފާނެ އެވެ. މުޅި އަތުގަޔާއި ގައިގައި ކުލަ ހާކާފާނެތި ކަންބޮޑު ނުވާށެވެ. އަމިއްލަ އަށް އެ ހިޔާލު އައިކަންވެސް ރަނގަޅެއް ނޫން ހެއްޔެވެ؟