ހަބަރު

ސަރުކާރު ކޯލިޝަންގެ ޕީޖީ ގްރޫޕާ ރައީސް ބައްދަލު ކުރައްވަނީ

Jul 10, 2017
11

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި އެމްޑީއޭގެ މަޖިލިސް މެންބަރުންނާ ރައީސް އަބްދުﷲ ޔާމީން މިރޭ ބައްދަލު ކުރަން ނިންމަވައިފި އެވެ.

ޕީޕީއެމް ޕީޖީ ގްރޫޕްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު "އަވަސް"އަށް ވިދާޅުވީ މިރޭ 8:30 ގައި އެމްޑީއޭ އާއި ޕީޕީއެމްގެ މެންބަރުންނާ ރައީސް ބައްދަލު ކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް އެކަމާ ގުޅޭ މައުލޫމާތު ދެއްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ކޯލިޝަން މެންބަރުންނާ ރައީސް ޔާމީން މިރޭ ބައްދަލު ކުރައްވާ އިރު ޕީޕީއެމްގެ ހަ މެންބަރުން މިއަދު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އަދި އޭގެ ސަބަބުން ޕީޕީއެމްއަށް މަޖިލީހުގައި އޮތް މެޖޯރިޓީ ވެސް ވަނީ ގެއްލިފަ އެވެ. އެ މެންބަރުން ޕީޕީއެމް އިން ވަކިވެވަޑައިގަތީ 45 މެންބަރުންގެ ސޮޔާއެކު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް އޭޖީ އިން ވަނީ މިއަދު ހުށަހަޅައިފަ އެވެ.

އެޓާނީ ޖެނަރަލް މުހައްމަދު އަނިލް މިއަދު ހުށަހެޅުއްވި މައްސަލައިގައި އެދިފައި ވަނީ، ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ މެންބަރެއްގެ ގޮޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެގޮތުން މެންބަރަކު ހޮވޭ ސިޔާސީ ފިކުރަކާ ހިލާފުވުމާއި ޕާޓީ ވަކިވުމާ އަދި އެހެން ޕާޓީއަކާ ގުޅުމެވެ.