ހަބަރު

މަސީހު ވަކިކުރަން ސޮއި ކުރިން: އެމްޕީ އަހުމަދު ރަޝީދު

Jul 11, 2017
15

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ސޮއި ކުރެއްވި ކަމަށް، އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު، ގާރީ ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް-އެމްޑީއޭގެ ޖޮއިންޓް ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަހުމަދު ރަޝީދު ވިދާޅުވީ، އޭނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރީ ވަރަށް އިހުތިރާމް ކުރައްވާ، "ބައްޕައެއް ފަދަ ބޭފުޅަކު" އޭނާގެ ކައިރީގައި އެކަމަށް އެދުމުން ކަމަށާއި އެވަގުތު އެކަމަށް ދެކޮޅު ހަދަން ނުކުރުނީ ކަމަށެވެ. އެހެން ނަމަވެސް ފަހުން އެކަމުގެ ބޮޑުކަން އިހުސާސް ކުރެވިގެން ސޮއި އަނބުރާ ގެންނަން އެދުނު ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މައްސަލަ ވެއްދި ދުވަހު ވެސް ސޮއި ނޯންނާނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކުން އޭނާއަށް ދިން ކަމަށް ވެސް އަހުމަދު ރަޝީދު ވިދާޅުވި އެވެ.

""މައިން ބަފައިން ކަމަކު އެދުނީމާ އެކަން ކޮށްލަދިނުމަކީ ދަރިންގެ ވާޖިބެއް ބައެއް ފަހަރު. އަޅުގަނޑު ގާތުގައި އަޅުގަނޑުގެ މައިންބަފައިން ފަދަ ބޭފުޅަކު ކަމަކު އެދުނީ. ދެން އަޅުގަނޑުގެ މިޒާޖު ހުންނަ ގޮތުން ރަނގަޅު ކަމަކަށް އެދިއްޖެއްޔާ ވަރަށް ފަސޭހައިން އަޅުގަނޑަށް އާއެކޭ ބުނެވޭ. ނަމަވެސް ކަމުގެ ސީރިއަސްކަމާއި މުހިއްމުކަން އަޅުގަނޑު ފަހުން ވިސްނާލި އިރުގައި އެއީ އަދި ބައްޕަ ނޫނީ މަންމައަކު ވިދާޅުވި ނަމަވެސް ކޮށްގެން ނުވާނެ ކަމަށް ވެދާނެ،" މެންބަރު އަހްމަދު ރަޝީދު ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދި ދުވަހު މާގިނައިރެއް ނުވެ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަހުމަދު ރަޝީދު ވިދާޅުވީ އޭނާ އިތުބާރުނެތް ކަމުގެ މައްސަލައިގައި ސޮއި ނުކުރާ ކަމަށާއި އޭގައި ކޮށްފައިވާ ސޮޔަކީ އޭނާއަށް ވަގަށް ކޮށްފައިވާ ސޮޔެއް ކަމަށެވެ. އެވާހަކަތައް ރަޝީދު ވިދާޅުވުމުން އިދިކޮޅު ފަރާތްތަކުން ވަނީ އޭނާ ސޮއި ކުރައްވާ ފޮޓޯ ވެސް އާންމުކޮށްފަ އެވެ. ސޮއިގެ މައްސަލަ ބަލައިދޭން ގާރީ ރަޝީދު ވަނީ އެ މައްސަލަ މަޖިލީހަށް ވެސް ސިޓީއަކުން ހުށަހަޅައިފަ އެވެ.