ދުނިޔެ

ހެލްތުކެއާ ބިލާ ހެދި ޓްރަމްޕަށް ސެނެޓްގެ މެޖޯރިޓީ ގެއްލެނީ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދުވަސްވަރު ފާސް ކޮށްފައިވާ ސިއްހީ ހިދުމަތްތަކާބެހޭ ގާނޫނު އުވާލައި، އޭގެ ބަދަލުގައި އާ ގާނޫނެއް ހެދުމަކީ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. އެ ގާނޫނު އުވައިލުމަށް ކުރިން ކުރި މަސައްކަތް ނާކާމިޔާބުވީ އެމެރިކާ ޕާލަމެންޓްގެ މަތިގެ "ސެނެޓް" ގައި ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ސާފު އަޣުލަބިއްޔަތު އޮއްވަ އެވެ.

އާ "ހެލްތު ކެއާ ބިލް" އަށް އަންނަ ހަފުތާގައި ވޯޓަށް އަހަން ރިޕަބްލިކަން މެޖޯރިޓީ ލީޑަރު މިޗް މެކޮނެލް ތައްޔާރު ވެވަޑައިގަންނަވަނިކޮށް، އެކަމުގައި ރިޕަބްލިކަން ޕާޓީއަށް ސެނެޓްގެ އަޣުލަބިއްޔަތު ގެއްލިދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފަ އެވެ. ރޮއިޓާސް އިން ބުނީ ރިޕަބްލިކަން ޕާޓީގެ 52 މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު ހެލްތު ކެއާ ބިލްގެ މައްސަލައިގައި ޕާޓީ ވިޕްލައިނާ ހިލާފުވެވަޑައިގަންނަވާނެ ކަން މިހާރުވެސް އިއުލާން ކުރައްވާފައިވާ ކަމަށެވެ. އެހެންވީމާ އިތުރު އެންމެ މެމްބަރަކު އެ ޕާޓީއާ ދެކޮޅު ވެވަޑައިގެންނެވިޔަސް، މެޖޯރިޓީ ގެއްލި، ބިލް ފާސް ކުރުމަށް ހުރަސް އެޅޭނެ އެވެ.

ޓްރަމްޕް ވަނީ އާ ހެލްތު ކެއާ ބިލް ފާސްކޮށް ދެއްވުމަށް ޓްވިޓާގެ ޒަރިއްޔާއިންް ހުކުރު ދުވަހު އެދިވަޑައިގެންފަ އެވެ. އެ ބިލްގެ މައްސަލައިގައި ޓްރަމްޕަށް ސެނެޓްގެ އަޣުލަބިއްޔަތު ގެއްލިދާނެ ކަމުގެ ބިރު ހީވެފައި މިވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ރަޝިޔާއިން ޓްރަމްޕަށް އެހީތެރިވި ކަމަށް ކުރެވޭ ތުހުމަތަށް ބާރު ލިބޭ އިތުރު ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެންމެ ފަހުން ލީކްވީ އީމެއިލްތަކުން އެނގޭ ގޮތުގައި ރަޝިޔާ ސަރުކާރާ ގުޅުން އޮންނަ ވަކީލަކާ ޓްރަމްގެ ދޮށީ ދަރިކަލުން ބައްދަލު ކުރައްވައި، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރަޝިޔާއިން އެހީތެރިވުމަށް އާނ ބަސް ވިދާޅުވި އެވެ.