ށ. މިލަންދޫ އިންޖީނުގޭގެ ޕެނަލް ބޯޑަށް ދިމާވިި މައްސަލައަކާއި ގުޅިގެން އެރަށުން ކަރަންޓް ކެނޑިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
މިލަންދޫ ކައުންސިލުން ބުނީ އެންމެ ފުރަތަމަ އެރަށުން ކަރަންޓް ކެނޑިފައިވަނީ ރޭ މެންދަމު 1:00 ޖެހި އިރު ކަމަށާއި އޭގެ ފަހުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އަދި މިއަދު މެންދުރު 11:30 އެހާއިރު ކަރަންޓް ކެނޑުނު ގޮތަށް އަދި ކަރަންޓް އައިސްފައިނުވާ ކަމަށާއި ރަށަށް ރޭ ކަރަންޓް ދީފައިވަނީ ގަޑިއިރަކުން ރަށުގެ ދެ ފަރާތަށް ބަހައިގެން ކަމަށްވެސް އޭނާ ބުންޏެވެ.
"އެންމެ ފުރަތަމަ ކަރަންޓް ކެނޑިފައިވަނީ ރޭ ދަންވަރު 1:00 އެހާއިރު. މާ ގިނަ އިރުތަކެއްނުވެ ކަރަންޓް އައިސްފައިވޭ. އެކަމަކު މިއަދު މެންދުރު 11:30 އެހާއިރު ކަރަންޓް ކެނޑުނު ގޮތަށް އަދި ނާދޭ. ފެނަކައިން މަސައްކަތް ކުރަމުން އެބަދޭ. އެމީހުން ބުނީ ޕެނަލް އަށް ދިމާވި މައްސަލައެއް ކަމަށް" ކައުންސިލުން ބުންޏެވެ.
ފެނަކައިގެ އެމްޑީ އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ރޭ އެރަށުން ކަރަންޓް ކެނޑިފައިވަނީ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށާއި އެ މައްސަލަ ރޭ ވަނީ ހައްލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިންޖީނުގޭގެ ޕެނަލް އަށް ދިމާވި މައްސަލައަކާއި ގުޅިގެން މިއަދު އެރަށުން ކަރަންޓް ކެނޑެމުންދާ ކަމަށާއި އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން މިހާރު މުޅި ރަށުން ކަރަންޓް ކަނޑާލާފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލުކޮށް މިއަދު 4:30 އެހާއިރު ކަރަންޓް ދޭނެ ކަމަށެވެ.