ހަބަރު

މައްސަލަ ހައްލުކޮށް މިލަންދޫއަށް ކަރަންޓް ދީފި

ށ. މިލަންދޫ އިންޖީނުގޭގެ ޕެނަލް އަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު އެރަށަށް މިއަދު ކަރަންޓް ދީފައިވާ ކަމަށް ފެނަކައިން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވީ އެރަށު އިންޖީނުގޭ ޕެނަލްބޯޑަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށާއި މިއަދު 2:50 އެހާއިރު މުޅި ރަށަށް ކަރަންޓް ދީފައިވާ ކަމަށެވެ. އަދި ޕެނަލް ބޯޑުގެ މައްސަލަ ހައްލު ކުރުމަށް ހަރުކޮށްފައިވަނީ މޮޑިފައި ކޮށްފައިވާ ބްރޭކަރެއް ކަމަށާއި މިރޭގެ ފްލައިޓުން އާ ބްރޭކަރެއް އެރަށަށް ފޮނުވާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

"އެރަށު އިންޖީނުގޭގެ ޕެނަލް އަށް ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު މިއަދު މެންދުރުފަހު 2:50 އެހާއިރު ވަނީ އަލުން މުޅިރަށަށް ކަރަންޓް ދީފަ. މިހާރު ޖަރުކޮށްފައި އިންނާނީ މޮޑިފައި ކޮށްފަ އިން ބްރޭކަރެއް. އާ ބްރޭކަރެއް މިރޭގެ ފްލައިޓުން ހަނިމާދޫއަށް ފޮނުވޭނެ."

މިލަންދޫ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ރޭ މެންދަމު 1:00 އެހާއިރު އެރަށުން ކަރަންޓް ކެނޑިފައި ވެއެވެ. އަދި ޖަނަރޭޓަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށްފަހު ކަރަންޓް ދިން ނަމަވެސް އެރަށު އިންޖީނުގޭ ޕެނަލް ބޯޑްގެ ބްރޭކަރަށް ދިމާވި މައްސަލައަކާއި ގުޅިގެން އެރަށުން މިއަދު މެންދުރު 11:30 އެހާއިރު ވަނީ ކަރަންޓް ކެނޑިފަ އެވެ.