ހަބަރު

ވަކީލުންގެ ބަސް: ނަޝީދުގެ ހުކުމް މުރާޖައާ ކުރަން ޖެހޭ

އިނގިރޭސިވިލާތުގެ ހިމާޔަތް ހޯދާފައިވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗައް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަހުމަދު އަދީބު މިއަދު ހާމަ ކުރި މައުލޫމާތުތަކަށް ބިނާކޮށް އެ މައްސަލަ އަލުން މުރާޖާ ކުރުމަށް ރައީސް ނަޝީދުގެ ވަކީލުން ގޮވާލައިފި އެވެ.

ރައީސް ނަޝީދުގެ މައްޗައްކޮށްފައިވާ ހުކުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް އަދީބު މިއަދު ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ނަޝީދަށް އިއްވި ހުކުމް ލިޔުއްވީ ފަނޑިޔާރެއް ނޫން ކަމަށާއި އެ ހުކުމް ލިޔުނު މީހާ އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ހިނގައިދިޔައީ އަދުލް އިންސަފުގެ ދާއިރާއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވައިގެން ކަން އަދީބު ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހިސާން ހުުސެން ވިދާޅުވީ ރައީސް ނަޝީދުގެ ހުންނެވީ ބޮޑު ބޭ އިންސާފަކުންކޮށްފައިވާ ޖަލު ހުކުމެގެއްގެ ތެރޭގައި ކަން އަދީބުގެ ބަޔާނުން ސާފުވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކެއް މި މައްސަލާގައި ހިމެނޭ ކަމަށާއި ފަނޑިޔާރުންގެ މައްޗައް ނުފޫޒު ފޯރުވޭ ފަދަ މަގާމުތަކެއްގައި ތިއްބެވި މީހުން ބޭނުންވާ ގޮތަށް ނަޝީދުގެ ޝަރީއަތް ކުރިޔަށް ގެންގޮސްފައިވާ ކަން ވެސް އަދީބުގެ ބަޔާނުން ސާފުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

"[ރައީސް ނަޝީދަށް ކުރި ހުކުމް] މުރާޖާ ކުރުމުގެ ބާރު ކޯޓަށް ލިބިގެންވޭ އެހެންވެ. މި މައުލޫމާތުތައް ހާމަވެގެން ދިޔުމުގެ ސަބަބުން އަލުން މި މައްސަލަ މުރާޖާ ކޮށްދެއްވުމަށް އަޅުގަނޑުމެން އެދެން،" ހިސާން ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ އަދީބަށް ހެކިބަސް ދިނުމުގެ ފުރުސަތު ދިނުމަކީ މުޅި ދައުލަތާއި ސުޕްރީމް ކޯޓުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް އަދި އެކަން ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންނާ ވެސް ހިއްސާކޮށްފައިވާ ކަމަށާއި އެ ފަރާތްތައް ވެސް އަދީބުގެ ސިޓީ ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އުންމީދު ކުރަން ސުޕްރީމް ކޯޓުން ރައްޔިތުންނަށް އިންސާފު ހޯދަދޭން މަސައްކަތް ކުރާނެކަން. އަދީބު މިހާ ރަނގަޅަށް އަމިއްލަ ފުޅަށް ހެކިބަސް ދޭން ތައްޔަރުވެފަ ހުރުމުން އެއީ ސުޕްރީމް ކޯޓުގެ ޒިންމާއެއް. ނަމަވެސް މިވަގުތު އެއްވެސް ކޯޓެއް ކުރިޔަށް ދަނީ ގާނޫނާ އެއް ގޮތަކަށް އިންސާފަކުން ކަން ގަބޫލެއް ނުކުރަން. ނަމަވެސް އުންމީދު ކުރަން މިފަދަ މައްސަލަތައް ބަލާނެ ކަމަށް،" ހަސަން ވިދާޅުވި އެވެ.

އަދީބުގެ ސިޓީގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްޗައް ދައުވާ ކުރީ އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ހައްޔަރު ކުރުމާ ގުޅިގެން އެމަނިކުފާނުގެ ދިފާއުގައި ނަޝީދު ސިޔާސީ މަސައްކަތްތައް ފެއްޓުމާ ގުޅިގެން ކަމަށާއި އެކަން ހުއްޓުމަކަށް ގެނައުމަށް ކަމަށެވެ. އަދި އެ މައްސަލާގައި ފުރަތަމަ ޑްރާފްޓު ކުރެވުނު ހުކުމުގައި އޮތީ މުހައްމަދު ނަޝީދުގެ މައްޗައް 10 އަހަރުގެ ޖަލު ހުކުމެއްކޮށް އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަސް ކުރަން ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފަ އެވެ.