ހަބަރު

ސޮއި ކުރި މެންބަރުންގެ ގޮނޑިއެއް ނުގެއްލޭނެ: ރައީސް ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމް އިން ސޮއި ކުރި މެންބަރުންގެ ގޮނޑިއެއް ނުގެއްލޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން މިރޭ އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ދުސްތޫރީ މައްސަލާގައި އެ ކޯޓުން ކުރި ހުކުމުގެ ކުރިން ހިނގާފައިވާ އެއްވެސް ކަމެއްގެ މައްޗައް އަދި އެފަދަ ކަމަކާ ގުޅިގެން އަޅާ ފިޔަވަޅަކަށް އެ ހުކުމްގެ ބާރު ނުހިނގާނެ ކަމަށާއި އެކަން ވަރަށް ސާފުކޮށް އެ ހުކުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ހުކުމުގައި ބަޔާންކޮށްފައިވާ ތިން ހާލަތް [ޕާޓީ ބަދަލުކުރުން، ޕާޓީން ވަކިކުރުން، ޕާޓީގެ އުސޫލުތަކާ ހިލާފުވުން] އަކީ އެ ހުކުމް ހުރި ތާރީހުގެ ކުރީގައި ވުޖޫދުވެފައި ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއަތެއް މައްޗައް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ ހާލަތެއް މައްޗައް ނުވަތަ އެފަދަ ހާލަތަކާ ގުޅިގެން އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗައް ގަޒިއްޔާގެ ހުކުމުގެ އަސަރު އެއްވެސް ގޮތަކުން މާޒީއަށް ރުޖޫއަވާގޮތަށް ރެޓްރޯސްޕެކްޓިވް ކޮށް ތަންފީޒު ކުރުން ހުއްދަ ކުރެވިފައި ނުވާ ކަން އެ ހުކުމުން ސާފުކޮށް އެނެން އޮވޭ،" ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ ހުކުމުގައި ބުނެފައިވާ ގޮތުން މަސީހުގެ މައްސަލާގައި ސޮއި ކުރި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.

ޕީޕީއެމް އިން ވަކިވެވަޑައިގަތް މެންބަރުންގެ ތެރޭގައި ހިމެނެނީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ.

ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރިން އެ މެންބަރުން ވަނީ ޕީޕީއެމް އިން ވަކިވުމަށް އެދި އެ ޕާޓީއަށް ސިޓީ ހުށަހަޅާފަ އެވެ، ނަމަވެސް އެ ޕާޓީން އެކަމަށް ވަކި ގޮތެއް ނުނިންމަ އެވެ.