އިިދިކޮޅު އިއްތިހާދުން ވެރިކަމަށް އައިސްފި ނަމަ ޗައިނާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އެއްބަސްވުންތައް ކެންސަލް ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިންގެ ހިމާޔަތުގައި ހުންނެވި ނަޝީދު ދަ އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިންޑިއާ ކަނޑުގެ
އެންމެ މުހިންމު ސަރަހައްދުތަކުގައި ހުރި ރާއްޖޭގެ 16 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއަށް ދީފައިވާ ކަމަށެވެ. އަދި އަތޮޅެއް އެކީގައި ސައުދީ އަރަބިއްޔާއަށް ދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖެއިން ބޭރުގެ ގައުމުތަކަށް ހުރި ދަރަނީގެ 70 ޕަސެންޓް އޮތީ ޗައިނާއިން ނަގާފައި ކަމަށާއި އެ ލޯނުތަކުގެ އިންޓަރެސްޓް ރޭޓްވެސް އުޅެނީ ރާއްޖޭގެ އިގްތިސާދާއި ބަޖެޓާ ނުބައްދަލު މިންވަރަކަށް މަތީގައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސްރީލަންކާގައި އޮތް ފަދަ ދަރަނީގެ ހާލަތެއް ރާއްޖެއަށް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ލަންކާގެ ކުރީގެ ރައީސް މަހިންދުރަ ރާޖަޕަކްސަގެ ވެރިކަމުގައި އެގައުމުގެ އުމްރާނީ ތަރައްގީ މަޝްރޫއުތައް ހިންގުމަށް ޗައިނާއިން ބޮޑެތި ލޯނުތަކެއް ނެގުމުގެ ސަބަބުން ލަންކާ އިން ބޮޑު ދަރަންޏެއް ވަނީ ޗައިނާއަށް އަނބުރާ ދައްކަން ޖެހިފަ އެވެ.
"ރާއްޖެ މި އޮތް އިންޑިއާކަނޑުގެ އުތުރާއި ދެކުނުން 800 ކިލޯމީޓަރުގެ ސަރަހައްދަކީ މި ކަނޑުގެ ވަރަށް މުހިންމު ހިސާބެއް. އިމާރާތް ކުރުމުގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން އެންމެ މުހިންމު ހިސާބުތަކުގައި ހުރި ރަށްތައް މި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއަށް ދީފައި. އިދިކޮޅު އިއްތިހާދުން ވެރިކަމަށް އައިސްފި ނަމަ ޗައިނާގެ މިފަދަ އެންމެންހާ މަޝްރޫއުތައް ކެންސަލް ކުރާނަން،" ލަންކާގައި ހުންވައިގެން އިންޑިއަން އެކްސްޕްރެސް ނޫހަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާކަނޑުގެ ސުލްހަ މަސަލަސްކަން ބިނާވެފައި ވަނީ އިންޑިއާގެ މައްޗަށް ކަމަށާއި އިންޑިއާގެ ސަލާމަތާއި ސުލްހަޔަށް ނުރައްކާވާ ކަމަށް އެ ގައުމަށް ގަބޫލު ކުރެވޭ ނަމަ އެއީ ރާއްޖެ ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ މަސްލަހަތު ހުރި ކަންކަމަކީ އިންޑިއާގެ މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން ކަމަށް ބަލައިގަންނަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ޗައިނާގެ މަޝްރޫއުތައް ބާތިލް ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އިރު ހުޅުލެ-މާލެ ބްރިޖް މަޝްރޫ އާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަދި ހުޅުމާލޭ އާއި މާލޭގައި ހިންގާ ބައެއް ހައުސިން މަޝްރޫއުތައް އަދި ލ އަތޮޅުގައި ވެސް ޗައިނާގެ އެކި ކުންފުނިތަކުން އަންނަނީ އުމްރާނީ މަޝްރޫއުތައް ހިންގަމުން އެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދު އެހާ ބޮޑަށް ގުޅުން ރަގަނޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.