ދިވެހިރާއްޖެ އިން އިންޑިއާއާ މެދު އަމަލުކުރާ ގޮތަށް ޗައިނާއާ މެދު އަމަލުނުކުރެވޭނެ ކަމަށް ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވައިފި އެވެ.
ރައީސް ނަޝީދު މިފަދަ ގޮތަކަށް ވާހަކަދެއްކެވީ އެމަނިކުފާނު "ނުރަސްމީކޮށް" ގެންގުޅުއްވާ އެކައުންޓެއް ކަމަށް ބުނާ "ހަސަންކުރުސީ" އެކައުންޓުން ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.
ހަސަންކުރުސީގެ ޓްވީޓްގައި ބުނެފައިވަނީ އަބަދު އިންޑިއާއި ޗައިނާ ރާއްޖެއަށް އެހީތެރި ނުވާނެ ކަމަށާއި އަބަދު އެ ދެ ގައުމަށް ބަރޯސާވެގެން ތިބޭނަމަ ރާއްޖޭގެ އަމިއްލަ މުދާ އެމީހުންނަށް ވިއްކަން ޖެހޭނެ ދުވަހެއް އަތުވެދާނެ ކަމަށެވެެ.
"އެ މުދަލުގައި ގައުމުގެ ސީސްޕޯޓްސްއާ އެއާޕޯޓުވެސް ހިމެނޭނެ. ދުވަހުން ދުވަހަށް ހިންގާ އިގްތިސާދުގެ މަޝްރޫއު ތަކަށް އަވަށްޓެރިންގެ އަތުން އަބަދު ފައިސާ ނެގުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫން،" ހަސަންކުރުސީގެ ޓްވީޓުގައިވެ އެވެ.
މިޓްވީޓާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އާއި މެދު އަމަލުކުރާ އުސޫލުން ޗައިނާއާ މެދު އަމަލުނުކުރެވޭނެ ކަމަށެވެ. ރައީސް ނަޝީދު ގަބޫލުކުރައްވާ ގޮތުގައި އިންޑިއާ އިން ދަނީ ރާއްޖެ ތަރައްގީކުރަމުންނެވެ. ނަމަވެސް ޗައިނާ އިން ރާއްޖެއަށް އެހީވަނީ ރާއްޖެ ދަރަނިވެރިވާ ގޮތަށް ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.
"އަހަރެމެންނަކަށް އިންޑިއާއި ޗައިނާ އެއްފިއްސަކުން ކުލައެއް ނުޖެއްސޭނެ: އިންޑިއާ އެހީވަނީ ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް: އަނެއް ބައި މީހުން [ޗައިނާ] އިން ދަރަނި ބޭނުންކުރަނީ އެމީހުން ގަބޫލުކުރާ ހަމަތަކަށް ފެއްތުމަށް ބޭނުންކުރާ ވަސީލަތަކަށް" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ހަސަންކުރުސީ އަކީ އެމަނިކުފާނުގެ އެކައުންޓެއް ނޫން ކަމަށެވެ. އެމަނިކުފާނު ވަނީ މީގެ ކުރިންވެސް ހަސަން ކުރުސީގެ ނަމުގައި ސޯޝަލް މީޑިއާގައި ޓްވީޓް ކުރަނީ އެމަނިކުފާނު ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ޗައިނާ އިން ރާއްޖެއަށް ދޫކޮށްފައިވާ ލޯންތަކާ ގުޅޭގޮތުން ޗައިނާއަށް ތުހުމަތުތައް ކުރައްވާ ރައީސް ނަޝީދު މީގެކުރިންވެސް ވާހަކަދައްކަވާފައިވެ އެވެ. އަދި އެފަދަ ތުހުމަތުތައް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ގެންދަނީ ދޮގުވެސް ކުރަމުންނެވެ.
ރާއްޖެއާއި ޗައިނާއާ ގުޅޭ މައްސަލަތަކުގައި ރައީސް ނަޝީދު އާންމުކޮށްވެސް ވާހަކަދައްކަވަނީ ޗައިނާއާ ދެކޮޅަށެވެ. ނަމަވެސް އެމަނިކުފާނު އަބަދުވެސް އިންޑިއާ އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަދައްވަ އެެވެ.