އިދިކޮޅު ޕީޕީއެމްއާއި އެމަނިކުފާނާއި އޮތް ހަމައެކަނި ހިޔާލުތަފާތުވުމަކީ އެ ޕާޓީން އިންޑިއާ އާއި މެދު ދެކޭ ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އޮތް ބައިނައްލަގުވާމީ ގުޅުމަކީ ރަނގަޅު އަދި ހަރުދަނާ ސިޔާސަތެއް އޮތް ގުޅުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ގުޅުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކުރިއަށް ގެންދާނެ ވަރުގަދަ ގުޅުމެއް ކަމަށް ގަބޫލުކުރައްވާ ކަމުގައި ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުމުގައި އިންޑިއާ އަކީ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށާއި ސަރަހައްދުގެ ގޮތުން އިންޑިއާ އާއި ރާއްޖެއާއި ދެމެދު މި އޮތް ގުޅުން ކޮންމެ ބަޔަކުވެސް ދަމަހައްޓަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ޖިއޮގްރަފީ ދުލެއް ނުކުރެވޭނެ. އިންޑިއާ އަކީ އަޅުގަނޑުމެންގެ އަވަށްޓެރި ގައުމެއް. ރާއްޖޭގެ ތަރައްގީއަށް އިންޑިއާ ވެދޭ އެހީތެރިކަން ބޮޑު،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އިންޑިއާ އާއި މެދު އިދިކޮޅު ޕީޕީއެމް އިން ދެކޭ ގޮތާއި އަމަލުތައް ބަހައްޓާ ގޮތަކީ އެމަނިކުފާނާއި އެ ޕާޓީއާއި ދެމެދު އޮތް ހަމައެކަނި ހިޔާލުތަފާތުވުން ކަމަށެވެ. އެހެންވެ އިންޑިއާ އާއި ގުޅޭގޮތުން ޕީޕީއެމް އިން ގުޅޭ ވިސްނުން ބަދަލުކުރެއްވުމަށް ނަޝީދު ވަނީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިހުން އެދިވަޑައިގަނެފަ އެވެ. އަދި ހާރިޖީ ސިޔާސަތުގެ ކަންކަމުގައި ސަރުކާރާއި ޕީޕީއެމް އާއި އެއް ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"އެ ޕާޓީގެ ރައީސް ޔާމިނަކީ އެކަޑެމިކް އަދި ތަންދޮރު އެނގިވަޑައިގަންނަވާ ބޭފުޅެއް. އެބޭފުޅާގެ އަރިހުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން އިންޑިއާ އާއި ދެކޮޅަށް ގެންގުޅުއްވާ ވިސްނުން ދޫކޮށްލެއްވުމަށް،" ނަޝީދު އެދިވަޑައިގަތެވެ.
"އިންޑިއާ އައުޓް" އަށް ޕީޕީއެމް އިން ގޮވާލާ ގޮވާލުންތަކާއި އިންޑިއާއާއި ދެކޮޅަށް ގެންގުޅޭ ފިކުރަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމެއްގެ ވިސްނުމަކަށް ވެގެން ނުވާނެ ކަމުގައިވެސް ތަކުރާރުކޮށް ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ މީގެކުރިން ވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި އިންޑިއާ އާއި ދެކޮޅަށް މާލެއާއި އަތޮޅު ތެރޭގެ އެތަށް ރަށެއްގައި ބޮޑެތި އެއްވުންތައް ބާއްވާފަ އެވެ. ނަމަވެސް އެ އެއްވުންތައް މިހާރު ކުރިއަށް ނުގެންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެކަމަކު އިންޑިއާ އިން ރާއްޖޭގެ މިނިވަންކަން ގެއްލުވާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު އަބަދުވެސް އިދިކޮޅު ލީޑަރުން ކުރައްވަ އެވެ.