ހަބަރު

އިންޑިއާއިން އަޅުވެއްޗެއް ނުކުރާނެ، ޗައިނާގެ މަޅިތައް ނައްޓުވާނަން: ނަޝީދު

އަވަށްޓެރި އިންޑިއާ ދިފާއު ކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ޗައިނާގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ޗައިނާގެ މަޅިތަކުން ރާއްޖެ ނައްޓުވާނެ ކަމަށެވެ.

ރައީސް ނަޝީދު މިގޮތަށް ވާހަކަފުޅު ދެއްކެވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލަ އާއި ރާޑަރުތަކެއް ބަހައްޓާ މައްސަލަ ހޫނެވެފައިވަނިކޮށެވެ. އިންޑިއާއިން މަސައްކަތް ކުރަނީ ރާއްޖެ އަޅުވެތިކުރުމަށް ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްކޮށް ހުންނަވާ ހަރަކާތެއް ވެސް ވަނީ ފަށާފަ އެވެ.

އޭގެއިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަތަކަކަށް ވެސް ފާޑުކިޔުން އަމާޒުވެފައިވެ އެވެ. މިއަދު ރައީސް ނަޝީދު ވެސް ވަނީ އިންޑިއާއަށް ފުރާވަޑައިގެންފަ އެވެ.

ފުރާވަޑައިގެންނެވުމުގެ ކުރިން އެއާޕޯޓްގައި ހުންނަވާ ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއާ އެންމެ ގާތުގައިވާ އެންމެ ވަރުގަދަ ބާރަކީ އިންޑިއާއަށް ކަމަށްވާއިރު ރާއްޖެ ސަލާމަތާއި ރައްކާތެރިކަން އެންމެ ބޮޑަށް ގުޅިފައި އޮތް ގައުމަކީ އެއީ ކަމަށެވެ. އެ ގައުމަކީ އެއް އިރެއްގައި ވެސް ރާއްޖެ އަޅުވެތިކުރުމަށް މަސައްކަތް ކުރި ގައުމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އިންޑިއާ ރާއްޖެއާ ޖެހިގެން އޮންނަތާ ދިވެހިރާއްޖެއަށް ވީހާ ދުވަހެއް ވެއްޖެ، އެހެން ނަމަވެސް އެއްވެސް ފަހަރެއްގައި ރާއްޖޭގެ ތާރީހުގައި ވެސް އަދި އިންޑިއާގެ ތާރީހުގައި ވެސް އިންޑިއާގެ މައި ސަރުކާރުން ރާއްޖެ އަޅުވެތިކުރުމަށް ނުވަތަ ރާއްޖޭގެ މިނިވަންކަން ރާއްޖޭގެ އިސްތިގުލާލަށް ކުޑަ ވެސް އުނި ކަމެއް އަންނަ އެއްވެސް ކަމެއް ކުރުމަށް އިންޑިއާއިން އުޅެފައެއް ނުވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ގައުމެއް އަޅުވެތިކުރުން ފަދަ ބާވަތުގެ ސިޔާސަތަކަށް އިންޑިއާއިން މަގުފަހިކޮށްފައިނުވުމުން އެނގެނީ އެއީ އެ ގައުމުގެ މަސްލަހަތުގައިވާ ކަމެއް ނޫންކަން ކަމަށެވެ.

"ހާއްސަ ގޮތެއްގައި ދުނިޔޭގެ ގައުމުތަކުން ޑިމޮކްރަސީގައި ޑިމޮކްރަޓިކް ވެއްޓެއްގައި މަސައްކަތް ކުރަމުން އަންނައިރު އެއް ބަޔަކު އަނެއް ބައެއްގެ މިނިވަންކަމަށް އަރައިގަނެ އިސްތިގުލާލު ނަގާލާ ހެދުމަކީ އެއްވެސް ބައެއްގެ މަސްލަހަތުގައި އޮތް ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިއޮތީ އިންޑިއާގެ ކަނޑުގެ ބޮޑު ސަރަހައްދެއްގެ ތެރޭގައި، އެ ކަނޑުގެ 80 ޕަސެންޓް ވިޔަފާރި ހިނގާ ސަރަހައްދެއްގައި ކަމުން ރާއްޖޭގެ ސަލާމަތާއި ވަށައިގެންވާ ގައުމުތަކުގެ ސަލާމަތަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެއީ އަބަދުވެސް ދިވެހިން ބަލަމުން އަދި ވިސްނަމުން އަންނަ ކަމެއް ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުގެ އަމާޒަކީ ވެސް ރާއްޖެ އާއި އަވަށްޓެރި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓުމުގެ އުސޫލު ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހި އަސްކަރިއްޔާ އާއި އިންޑިއާގެ އަސްކަރިއްޔާގެ ގުޅުންތައް ބަދަހިވުމަކީ ރާއްޖެއަށާއި އެތެރެވެރިއަށް އަދި އިންޑިއާ ކަނޑުގެ ސުލްހައަށް ވެސް މުހިންމު ކަމެއް ކަމަށެވެ. އެ ގުޅުން ބަހައްޓަންޖެހޭ މިންވަރާއި އިންތައް ވަރަށް ސާފު ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ކުޑަ ވެސް ބުރުލެއް އަރައިގެން ނުދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެއާ ހިލާފަށް ޗައިނާގެ މަސްލަހަތު އޮތީ މި ސަރަހައްދަށް ނުރައްކާވާ ފަދަ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިފަހުން ފެނުނު ހަގީގަތްތަކެއް ބަލަން އެބަޖެހޭ، ހާއްސަކޮށް އެތެރެވެރިއަށް ޗައިނާގެ މަސްލަހަތު މާބޮޑަށް ފެތުރުވުމަށް އެ ގައުމުން މިދަނީ އެދެމުން، ޗައިނާ ތަރައްގީވަމުން އައުމާއި، ހުރިހާ މުދަލެއް ދަތުރު ކުރަނީ ރާއްޖެ ތެރެއިން ކަމަށްވާތީ ޗައިނާ އެބަ ބޭނުންވޭ އެ ގައުމުގެ މަސްލަހަތު ރާއްޖޭގައި މާބޮޑަށް އޮތުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ގިނަ އަދަދުގެ ފައިސާ ވަނީ ރާއްޖެ އާއި އެހެން ގައުމުތަކަށް ޗައިނާއިން ގެނެސްފަ ކަމަށާއި އެއީ ނުއަގުގަ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އެ ދަރަނި ނުދެއްކުނީމަ އެ ހެދި އެއްޗެއްގެ ހިއްސާ ދިނުމަށް އެ ގައުމުން އެދޭ ކަމަށެވެ. އެފަދަ މަންޒަރުތައް ބައެއް އިރުމަތީ އެފެރިކާގެ ގައުމުތަކާއި އަވަށްޓެރި އެހެން ގައުމުތަކުން ފެނުނު ކަމަށާއި މިސާލަކަށް ބަނދަރެއް ހަދަން ލޯނު ދިނުމަށްފަހު ދަރަނި ނުދެއްކުމުން އެ ތަނުގެ ހިއްސާ ޗައިނާއިން ހޯދާފައިވާ ކަަމަށެވެ.

"ރައީސް ޔާމީން ކަންތައް ކުރައްވާފައިވާ ގޮތަކީ ކަނޑައެޅިގެން ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ ހުރިހާ ގޮތަކަށް، ވިސްނަވާ ބައްލަވާ ބޮޑެތި އަދަދުގެ ލޯނު ނަގައި، އެ ލޯނުން ކުރި މަސައްކަތްތަކަކީ އެ ލޯނުގެ އަދަދާ އެއްވެސް ވަރަކަށް ބައްދަލުވާ މަސައްކަތްތަކެއް ނޫން، އެހެންވެ އެ މުދަލުން ނެރެވޭ ފައިދާއިން ލޯނު އަނބުރާ ނުދެއްކޭ، ލޯނު ނުދެއްކުނީމަ ޗައިނާ އެދެނީ ހިއްސާއަށް، އެ ހިއްސާއާއެކީގައި ގެއްލިގެންދާނީ އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލް، މިދެންނެވި ބައްޓަމަށް އެތެރެވަރީގައި ކަންކަން ހިނގާފައި އެބަވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ޗައިނާގެ މަޅިތަކުން ރާއްޖެ ނައްޓުވައި، މިނިވަންކަން އަލުން ހޯދުން ކަމަށެވެ.