އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރި ކޮށްފި އެވެ.
ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަދައްކާފައިވަނީ އިންޑިއާގެ ޓީވާ ޗެނަލެއްގަ އެވެ. އެ މައްސަލައާއި ގުޅިގެން ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ރުޅިގަދެވެ ނުރުހުން ފާޅުކުރަން ފެށުމުން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސްތަރުޖަމާނު އިސްލާމީ އުއްމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަ ކުރި މައްސަލައި ގައި އެމްޑީޕީން އިންތިހާއަށް ނުރުހުން ފާޅުކޮށް އެ އަމަލު އެންމެ ހަރުއަޑުން ކުށްވެރި ކުރާ ކަމަށެވެ.
ތިން ޖުމްލައިގެ ބަޔާނުގައި އިތުރަށް ބުނީ މި އަމަލަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށް އެމްޑީޕީން ދެކޭ ކަމަށާ އަދި ބީޖޭޕީ ފަދަ ހުރިހާ ދީންތަކަކަށް އިހްތިރާމް ކުރާ ޕާޓީ އެއްގެ އިސް ފަރާތަކުން މިފަދަ ނާތަހުޒީބީ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. -- އެމްޑީޕީން މިހެން ބުނި ނަމަވެސް ބީޖޭޕީ ފާހަގަކުރެވިފައިވަނީ މުސްލިމުންނާއި ވަރަށް އަދާވާތްތެރި ބައެއްގެ ގޮތުގައެވެ. އިހާނެތިކޮށް މުސްލިމުން މެރުމާއި އަނިޔާކުރުމުގެ އެތައް ހާދިސާތަކެއް އިންޑިއާގައި ހިންގާފައިވެއެވެ. އެފަދަ ހާދިސާތަކާއި ގުޅިގެން އެކަށީގެންވާ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި ބީޖޭޕީގެ އިސް ބައެއް ވެރީން ގެންދަވަނީ މުސްލިމުންނަށް ވަރަށް ބޮޑަށް އިހާނެތި ބަސްތައް ރައްދު ކުރަމުންނެވެ. އެއީ އިންޑިއާގެ ފަސްގަނޑުގައި އެއްވެސް ހައްގެއް އޮތް ބައެއް ނޫން ކަމަށްވެސް ފާޅުގައި ވިދާޅުވެފައިވެއެވެ. --
އެމްޑީޕީގެ ބަޔާނުގައި ވަނީ ރަސޫލާއަށް ފުރައްސާރަކުރި ބީޖޭޕީގެ އިސްވެރީންނށް މިހާރު ފިޔަވަޅު އަޅާފައިވާ ކަމީ އެމްޑީޕީން ވަރަށް ތަރުހީބުދޭ ކަމެއް ކަމަށްވެސް ބުނެފައެވެ.
ބީޖޭޕީގެ އިސް އޮފިޝަލަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ހޫނުވުމާ ގުޅިގެން ބީޖޭޕީން ބަޔާނެއް ނެރުނު ނަމަވެސް އެ ބަޔާން ނެރުނު ސަބަބެއް ބުނެފައެއް ނުވެ އެވެ. އަދި ރަސޫލާއަށް ފުރައްސާރަ ކުރި އޮފިޝަލްގެ ނަންވެސް ފާހަގަކޮށްފައެއް ނުވެ އެވެ. އެކަމަކު ބަޔާނުގައި ބުނެފައިވަނީ ބީޖޭޕީ އަކީ ހުރިހާ ދީނަކަށްވެސް އިހުތިރާމް ކުރާ ބައެއް ކަމަށެވެ. އަދި އެއްވެސް ދީނެއްގެ ޝަހްސިއްޔަތަކަށް ފުރައްސާރަ ކުރުން އެ ޕާޓީން ކުށްވެރި ކުރާ ކަމަށްވެސް ބުނެފައިވެ އެވެ.
މި މައްސަލާގައި މުޅި އިސްލާމީ އުންމަތް ވަނީ ރުޅިގަދަވެފައެވެ. ސައުދީ އާއި ކުވޭތު އަދި އިިރާން ފަދަ ގައުމުތަކުން ވަނީ އިންޑިއާ ސަރުކާރަށް ނިސްބަތްކޮށް ރުޅިވެރި ބަސްތައް ހިމަނާ ބަޔާންތައް ނެރެފައެވެ. އަދި އެ އަމަލަށް ރަސްމީކޮށް މާފަށް އެދުމަށް ގޮވާލާފައިވެއެވެ.