ހަބަރު

މަޖިލީހުގައި ބޮޑުވަޒީރު މޯދީ ތަގުރީރު ކުރައްވަން ފާސްކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި އެވެ.

އިންޑިއާގެ އާންމު އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެން މޯދީ އަންނަ މަހު ހަތް ވަނަ ދުވަހު ރާއްޖެއަށް ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފަ އެވެ.

މިއަދު ހެނދުނު ބޭއްވި ނަވާރަ ވަނަ މަޖިލީހުގެ ދެވަނަ ޖަލްސާގައި މޯދީގެ ތަގުރީރުކުރެއްވުމާއި ގުޅޭގޮތުން، ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާއާއެކު ރޭ މަޖިލީހުގެ ރައީސްކަމަށް އިންތިހާބު ކުރެވުނު މުހައްމަދު ނަޝީދު ހުށަހެޅުއްވި ހުށުހެޅުމަށް ކުރިއަށް ގެންދިއަ ބަހުސްގައި ވާހަކަދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ އެކަމަށް ތާއީދުކުރައްވައިފަ އެވެ.

އިންޑިއާއާއެކު އޮންނަ ޒަމާންވީ ގުޅުން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ހީނަރުވެފައިވާކަން ފާހަގަކުރައްވަމުން، ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ގިނަ މެންބަރުން ވިދާޅުވީ މޯދީ ފަދަ ދުނިޔޭގެ ގަދަރުވެރި ލީޑަރަކު ރާއްޖެފަދަ ކުޑަ ގައުމެއްގައި ތަގުރީރުކުރެއްވުމަކީ ގައުމަށް ލިބޭ ފަހުރެއް ކަމަށެވެ.

އެ ބަހުސްގައި ވާހަކަދެއްކެވި އިދިކޮޅު ހުރިހާ މެންބަރުންވެސް އެ ހުށަހެޅުމަށް ވަނީ ތާއީދު ކުރައްވައިފަ އެވެ. ނަމަވެސް، ވަކި ގައުމަކާއި ގުޅުން ވަރުގަދަކުރަން ކުރެވޭ މަސައްކަތުގައި އެހެން ގައުމަކާ އޮންނަ ގުޅުން ހީނަރުވިޔަދީގެން ނުވާނެކަމަށް ބައެއް އިދިކޮޅު މެންބަރުން ފާހަގަކުރެއްވި އެވެ.

ނަމަވެސް، މިއަދު މަޖިލީހަށް ހާޒިރުވި 80 މެމްބަރުންގެ އިއްތިފާގުން ވަނީ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރުކުރައްވަން ދައުވަތު އެރުވުމަށް ފާސްކޮށްފަ އެވެ.

އިންޑިއާގެ އާންމު އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވުމަށްފަހު މޯދީ ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރާއްޖެ އަށް ވަޑައިގަންނަވާނީ އަންނަ މަހުގެ 7-8 އަށެވެ. މޯދީ އަލަށް ރާއްޖެ އަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ރަސްމިއްޔާތަށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހެވެ.