ހަބަރު

"އިންޑިއާއިން ދިނީ ހިލޭ އެހީކަމަށް ބުނުމުން ހަގީގަތް އޮޅޭ"

އިންޑިޔާއިން 500 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށް ބުނުމުން ހަގީގަތް އޮޅޭ ކަމަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށްޓަކައި މި ސަރުކާރުން އިއުލާނުކޮށްފައިވާ ބްރިޖްގެ މަޝްރޫއުއަށް އިންޑިއާ ސަރުކާރުން 500 މިލިއަން އެމެރިކާގެ ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި އެ ފައިސާ މިއަދު ލިބިފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މެންބަރު އުޝާމް މިއަދު ވިދާޅުވީ އިންޑިއާއިން ދޭން ނިންމާފައިވަނީ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ކަމަށެވެ. އަދި އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ގްރާންޓް ކޮމްޕޯނަންޓް ކަމަށް ވިދާޅުވިއެވެ.

"އިންޑިޔާއިން 500 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށް ބުނުމުން ހަގީގަތް އޮޅޭ،"

އިންޑިއާއިން ދޭން ނިންމާފައިވަނީ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ގްރާންޓް ކޮމްޕޯނަންޓް. އިންޑިޔާއިން 500 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށް ބުނުމުން ހަގީގަތް އޮޅޭ
އަހުމަދު އުޝާމް | ވިލިމާލެ ދާއިރާގެ މެންބަރު

ބްރިޖްގެ މަޝްރޫއުއަށް އިންޑިއާ ސަރުކާރުން ދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީ ވެސް ހިމެނޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ނަމަވެސް، އެ ކަމުގެ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އިންޑިއާއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން އެމެރިކާ ޑޮލަރު (3.9 ބިލިއަން ރުފިޔާ) ވެސް އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ.