ރާއްޖެ އާއި އިންޑިއާގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމަށް އިހުތިރާމް ކުރައްވާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ކަމުގެ މަގާމަށް އާ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ނަރެންދްރާ މޯދީ ވިދާޅުވެއްޖެ އެވެ.
އާންމު އިންތިހާބުގައި އިންޑިއާ ޕާލަމަންޓުގެ ތިރިގެ "ލޯކް ސަބާ" އަށް 543 މެމްބަރުން އިންތިހާބުކުރާއިރު، މިހާތަނަށް ވޯޓްގެ ނަތީޖައް ދައްކާ ގޮތުން މޯދީގެ ބީޖޭޕީ އިން 300 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ބެލެވެ އެވެ. އިންތިހާބުގައި މޯދީ ކުރި ހޯއްދެވުމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ދެ ރައީސަކު ވަނީ މޯދީ އަށް މަރުހަބާ ދަންނަވާފަ އެވެ. އެއީ މުހައްމަދު ނަޝީދާއި މައުމޫން އަބްދުއް ގައްޔޫމެވެ.
ރައީސް ސޯލިހު މޯދީ އަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއް ރީޓުވީޓް ކުރައްވާ މޯދީ ވިދާޅުވީ، މުސްތަގުބަލުގައި އިތުރު ދާއިރާތަކުން ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވާ މޯދީ ވިދާޅުވީ، އިންޑިއާއި ރާއްޖެ ދެމެދުގައި އޮންނަ ގުޅުން ދެމި އޮންނަނީ ދެ ގައުމުން ހިއްސާވެ ދެކެން ބޭނުންވާ ތަރައްގީ އާއި އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސުލްހަ މަސަލަސް ކަމަށް ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި އޮންނަ ހާއްސަ ގުޅުން އިތުރަށް ވަރުގަދަ ކުރަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންޑިއާއިއެކު ހީނަރުވެފައިވާ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތެއް ކުރަމުންނެވެ.