ރައީސް މުހައްމަދު ނަޝީދު

އެކްޒިޓް ޕޯލުން ކުރި ހޯދުމުން މޯދީއަށް ނަޝީދު މަރުހަބާ ކިޔައިފި

އިންޑިއާގެ އާންމު އިންތިހާބުގެ އެކްޒިޓް ޕޯލުން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީ، ބީޖޭޕީއިން ކުރި ހޯދާފައިވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފި އެވެ.

މޯދީއަށް މަރުހަބާ ދަންނަވާ ކުރެއްވި ޓުވީޓުގައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ ސަރުކާރާއި ރައްޔިތުން މީގެ ކުރިން އިންޑިއާ ބޭއްވި ގާތް ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ބާއްވާނެ ކަމަށެވެ. ބޮޑެތި މީޑިއާތަކުން ނަގާފައިވާ އިލެކްޝަންގެ ޕޯލްތަކުން ފެންނަ ގޮތުގައި އިންތިހާބުގައި ވާދަކުރި އެއްވެސް ޕާޓީއަކަށް މިފަހަރު މެޖޯރިޓީ ލިބުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ.

އަދި ކޮންމެ ޕާޓީއެއް ހޮވުނު ނަމަވެސް އެހެން ޕާޓީތަކުގެ އެހީއާ ނުލާ މެޖޯރިޓީ ސަރުކާރެއް ގާއިމެއް ނުކުރެވޭނެ އެވެ. ނަރެންދްރަ މޯދީ ވެސް ނިސްބަތްވާ ބީޖޭޕީ އިން އިންތިހާބުގައި ވާދަކުރަނީ ކޯލިޝަނެއްގެ ތެރެއިންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންދަނީ ކުރީގެ ސަރުކާރުން އިންޑިއާއި އެކު ހީނަރުވެފައިވާ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތެއް ކުރަމުންނެވެ.

އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ރައީސް ސޯލިހުގެ ސަރުކާރަށް މިވީ ހަމަސް ދުވަހުގެ ތެރޭގައި އިންޑިއާއަށް ދެ ފަހަރު ޒިޔާރަތް ކުރައްވާފަ އެވެ. ރައީސް ސޯލިހު ވެސް ވެރިކަމާ ހަވާލުވި ފަހުން އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ އިންޑިއާއަށެވެ. ނަރެންދްރާ މޯދީ ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އިރު އެގައުމުގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް ވެސް ވަނީ މިފަހުން ރާއްޖެއަށް ޒިޔާރަތް ކުރައްވާފަ އެވެ.