ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާގެ ޕްރޮޖެކްޓްތައް ދަރަނީގެ ދަންތުރައަކަށް ނުވޭ: ނަޝީދު

އިންޑިއާގެ އެހީއާއެކު ރާއްޖޭގައި ހިންގާ އެއްވެސް މަޝްރޫއުއެއް ދަރަނީގެ ދަންތުރަކަށް ވެގެން ގޮސްފައި ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހާއި ވެރިކަން ކުރާ އެމްޑީޕީގެ ރައީސް މިހެން ވިދާޅުވީ މިހާރު އިންޑިއާގެ ގުޖުރާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކޮންފަރެންސްއެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ރައީސް ނަޝީދު އިންޑިއާއަށް އެތައް ގޮތަކުން ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއިރު، މީގެ ދުވަސްކޮޅެއް ކުރިން ވެސް އެ ގައުމަށް ވަޑައިގެން އިންޑިއާގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވާ ހަމަ އެފަދައިން ތައުރީފު ކުރައްވާފައި ވެއެވެ.

އެމްޑީޕީގެ ސަރުކާރާއެކު އިންޑިއާއިން ވަނީ ރާއްޖެއާ އޮތް ގުޅުން ބަދަހިކޮށްފަ އެވެ. އަދި އޭގެ ފަހުން ރާއްޖޭގެ އެކިއެކި މަޝްރޫއުތަކުގެ ތެރެއަށް އިންޑިއާ ވަދެފައިވާއިރު އިންޑިއާއިން ރާއްޖެއަށް ބައެއް ދާއިރާތަކުން އެހީތެރިކަން ވެސް ފޯރުކޮށްދޭން ވެސް ފަށާފައި ވެއެވެ.

އިންޑިއާގެ މަޝްރޫއުތައް ރާއްޖޭގައި ހިންގަނީ ދެފުށްފެންނަ ގޮތަކަށް، އެނގޭ ކޮން ކަމެއްކަން ހިނގަނީ، މަޝްރޫއުގެ އަގު އެންމެންނަށް އެނގޭ، އިންޑިއާގެ މަޝްރޫއުތައް އިންޑިއާ ސަރުކާރުން ޓެންޑާ ކުރަނީ ޓްރާންސްޕޭރެންޓްކޮށް، އެއްވެސް މަޝްރޫއުއެއް ދަރަނީގެ ދަންތުރައަކަށް ނުވޭ، އަހަންނަށް އިންޑިއާ ކަމުދޭ،
މުހައްމަދު ނަޝީދު | މަޖިލީހުގެ ރައީސް

މި ސަރުކާރުން މިހާތަނަށް އެންމެ ގިނަ އެހީ އާއި ލޯނު ހޯދާފައިވަނީ ވެސް އިންޑިއާއިންނެވެ.

ރައީސް ނަޝީދު އިންޑިއާގައި ވިދާޅުވީ ރާއްޖެ ކުޑަ ގައުމަކަށް ވިޔަސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ސުޕަ ޕަވާ، އިންޑިއާއިން އަބަދުވެސް އިހްތިރާމް ކުރާ ކަމަށެވެ. އިންޑިއާއިން އެއް އިރެއްގައި ވެސް ރާއްޖެއަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

"އިންޑިއާގެ މަޝްރޫއުތައް ރާއްޖޭގައި ހިންގަނީ ދެފުށްފެންނަ ގޮތަކަށް، އެންމެންނަށް ވެސް އެނގޭ ކޮން ކަމެއްކަން ހިނގަނީ، މަޝްރޫއުގެ އަގު އެންމެންނަށް އެނގޭ، އިންޑިއާގެ މަޝްރޫއުތައް އިންޑިއާ ސަރުކާރުން ޓެންޑާ ކުރަނީ ޓްރާންސްޕޭރެންޓްކޮށް، އެއްވެސް މަޝްރޫއުއެއް ދަރަނީގެ ދަންތުރައަކަށް ނުވޭ، އަހަންނަށް އިންޑިއާ ކަމުދޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އިންޑިއާއަށް ތައުރީފު ކުރެއްވި އިރު އެތާނގައި ވެސް ޗައިނާގެ ދަރަނީގެ ދަންތުރަތަކާމެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

"އެހެން ސުޕަ ޕަވާއެއް އިންޑިއަން އޯޝަނަށް އެބަދޭ... ޗައިނާ، ދެރަކަމަކީ އެ ސުޕަ ޕަވާ އިންޑިއަން އޯޝަންގެ ރަށްތަކާމެދު އަމަލު ކުރަނީ ވަރަަށް ތަފާތުކޮށް،" ޗައިނާއަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖެ ގުޅުމުން ރައީސް ނަޝީދު މިސާލު ޖައްސަވާ ތައުރީފުކުރެއްވި އިރު އެމަނިކުފާނުގެ އެންމެ ބޮޑު ފާޑުވިދާޅުވުމެއް އަބަދުވެސް އޮންނަނީ ރާއްޖޭގެ އަވަށްޓެރިއެއްގެ ގޮތުގައި އޮތް އިންޑިއާ އާއި ގުޅުން ކުޑަ އަދި ވާދަވެރި ޗައިނާއަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ގުޅުން އެންމެ ބޮޑަށް އޮތީ ދުރު އިރުމަތީގައި އޮތް ޗައިނާއާ އެވެ. އޭގެ ސަބަބުން އިންޑިއާގެ ގުޅުމަށް އަސަރުކުރި އެވެ.

ޗައިނާގެ އެހީ އާއި ލޯނާއެކު މާލެ އާއި ހުޅުލެ ވަނީ ބްރިޖަކުން ގުޅާލާފަ އެވެ. އެ ބޮޑު މަޝްރޫއު ރައީސް ނަޝީދު އަބަދުވެސް ފާހަގަ ކުރައްވަނީ ޗައިނާއިން ރާއްޖޭގެ ބޮލުގައި އަޅުވާފައި އޮތް ދަރަނީގެ ދަންތުރައެއްގަ ގޮތުގަ އެވެ.