ހަބަރު

މަޖިލިސްގެ ކާމިޔާބާއެކު ނަޝީދުގެ ސަމާލުކަން ޗައިނާ އެއްބަސްވުންތަކަށް

Apr 10, 2019
4

ކުރީގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ އެއްބަސްވުންތައް ވަރަށް ތަފްސީލުކޮށް މުރާޖައާ ކުރާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ނަޝީދާއެކު އެމްޑީޕީއަށް ލިބުނު ތާރީހީ ކާމިޔާބީއަށްފަހު "ރޮއިޓާސް" އަށް ދެއްވި އިންޓަވިއުއެއްގައި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ނަޝީދު ވިދާޅުވީ ކުރީގެ ސަރުކާރުން ސޮއިކޮށްފައިވާ ހުރިހާ އެއްބަސްވުންތަކެއް ވަރަށް ގާތުން މުރާޖައާކުރަންޖެހޭ ކަމަށެވެ.

"ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރީ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތައް މުރާޖައާ ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން. އެ އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، މުރާޖައާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ޖާގަ ދޭންޖެހޭ،" ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާއާއެކު ގެންގުޅުއްވި ގާތްކަމަށް އަބަދުވެސް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ނަޝީދު އިތުރަށް ވިދާޅުވި އެވެ.

ޗައިނާއިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގިނަ ލޯނުތަކެއް ނަގާފައިވާއިރު އެ ގައުމަށް އޮތް ދަރަނީގެ އަދަދު 1.4 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އެ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑުކޮށް، ރާއްޖެއަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި ޗައިނާއާއެކު ވެފައިވާ ބައެއް އެއްބަސްވުންތަކުގެ ތަފްސީލުތައް ފެންނަންނެތް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އެ އިންޓަވިއުގައި ނަޝީދު އިތުރަށް ވިދާޅުވީ ރައްޔިތުން ނުކުމެ ދިން ވޯޓުގެ ނަތީޖާއިން، އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގެ ޒިންމާ އިތުރަށް ބޮޑުވެފައިވާކަމަށެވެ.

"އަލަށް އިންތިހާބުވި މަޖިލީހުން އެންމެ ފުރަތަމަ ވެސް ބަލަންވީ ކޮރަޕްޝަނާއި، ގޮތް ނޭނގޭ މަރުތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުތައް ބާރުވެރިކުރަން ހުށަހަޅާފައިވާ ބިލުތަކަށް،" ނަޝީދު ވިދާޅުވި އެވެ.

މިހާރުވެސް އިއުލާނުކުރެވެމުންދާ ވަގުތީ ނަތީޖާތައް ދައްކާގޮތުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެމްޑީޕީއަށް 65 ގޮނޑި ކާމިޔާބުކުރާނެކަމަށް ބެލެވެ އެވެ. މިއީ ރާއްޖޭގެ ތާރިހުގައި ވެސް އެއް ޕާޓީއަކުން ނުކުމު އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.