ހަބަރު

ސަފީރުގެ ސުވާލު ނަޝީދަށް: އިނގިލި ދިއްކޮށްގެން ދަރަނީގެ މައްސަލަ ހައްލުވާނެތަ؟

ރާއްޖެ ދަރަނިވެރި ކުރުވައިގެން ދިވެހީންގެ ބިންތައް ޗައިނާއިން ފޭރިގަންނަން އުޅޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ކުރައްވާ ތުހުމަތުތަކުން ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވިދާޅުވެއްޖެ އެވެ.

ޗައިނާއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގިނަ ލޯނުތަކެއް ނަގާފައިވާއިރު އެ ގައުމަށް އޮތް ދަރަނީގެ އަދަދު 1.5 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. ބޮޑެތި ލޯނުތައް ދީގެން ރާއްޖެ ފަދަ ގައުމުތަކުގެ މިނިވަން ކަން ފޭރިގަންނަމުންދާ ކަމަށް ނަޝީދު ވަނީ ތަކުރާރުކޮށް ޗައިނާއަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ޗައިނާއިން ރާއްޖެއަށް ނަގާފައިވާ ލޯނުތަކުން ހިންގާފައިވާ މަޝްރޫއުތައް ހިންގީ އަސްލު އަގަށްވުރެ ދެ ގުނަ ބޮޑުކޮށް ކަމަށާއި އިތުރުވާ ފައިސާ އުނި ކުރަން ދެން ޗައިނާގެ ލޯނު ވާހަކަ ތަކުރާރުކޮށް ދައްކަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކާ ގުޅިގެން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ނަޝީދާއި ޗައިނާ ސަފީރު ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވައި އަރައިރުންވެފަ އެވެ.

އެ އަރައިރުމާ ގުޅޭގޮތުން އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގެ ތެރެއިން ސަފީރު ވިދާޅުވީ ނަޝީދު އިސްވެ ކުރައްވާ އެއްވެސް އަސާސެއް ނެތް ތުހުމަތުތައް ބަލައި ނުގެންނެވޭނެ ކަމަށެވެ. އަދި ހަމައެކަނި ޗައިނާއަށް އިނގިލި ދިއްކޮށްގެން ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައަށް ދޭންޖެހޭ ސަމާލުކަން ނުދެވޭކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

"ހަމައެކަނި ޗައިނާއަށް ތުހުމަތުގެ އިނގިލި ދިއްކޮށްގެން ލިބޭނެ މޮޅެއްވެސް ނެތް. ސަބަބަކީ ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް. ރާއްޖެ ތަރައްގީ ކުރުމަށް ޗައިނާއިން ވަނީ މުހިއްމު އެހީތަކެއްވެފައި. ދެގައުމުގެ ގުޅުން ބިނާވެފައި އޮތީ، އިހުތިރާމާއި، އިތުބާރާއި ހަމަހަމަ މަންފާގެ މަތީގައި،" އޭނާ ވިދާޅުވި އެވެ.

ސަފީރު އިތުރަށް ވިދާޅުވި ގޮތުގައި، ނުބައި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ދަރަނީގެ މައްސަލަ ސިޔާސީ ކުރުމުން، އެ މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ކުރަންޖެހޭ މިންވަރަށް ނުކުރެވޭ ކަމަށެވެ.

"ނުރަނގަޅު މައުލޫމާތުތަކެއް ބޭނުންކޮށްގެން ޗައިނާ ބޮލުގަ އިލްޒާމް އެޅުވުމުން، ހަގީގީ މައްސަލައަށް ދޭންޖެހޭ ސަމާލުކަން އެނބުރިގެންދޭ. ސަބަބަކީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ބައިވެރިއެއް. ރާއްޖޭން ވަނީ އެކި ގައުމުތަކާއި ބޭރުގެ މާލީ އިދާރާތަކުން ލޯނުތައް ނަގާފައި. އެހެންވީމާ، މުސްތަގުބަލުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާއިރު، އެ މައްސަލައަށް ބިނާކުރަނިވި މަޝްވަރާތައް އެބަ ބޭނުންވޭ،" ދަރަނީގެ މައްސަލަ ހައްލުކުރުން ރާއްޖެއަށް މާ މުހިއްމުކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ ނަޝީދާދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭގޮތުން އެމަނިކުފާނާ ދެފަހަރެއްގެ މަތީން ބައްދަލުކުރައްވައި ރާއްޖެ-ޗައިނާ ގުޅުމާބެހޭ ގޮތުން ވަރަށް ފުޅާކޮށް މަޝްވަރާކުރެވުނު ކަމަށެވެ. އެ ބައްދަލުވުންތަކުގައި ނަޝީދު ވަނީ ޓޫރިޒަމާއި، އިންވެސްޓް އަދި ތިމާވެށި ހިމާޔަތްކުރުމަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތަކަށް ވަރަށް ތައުރީފު ކުރެއްވިކަންވެސް ސަފީރު ހާމަކުރެއްވި އެވެ.

"އެހެންވީމާ، ނަޝީދުގެ ވާހަކަފުޅުން އަޅުގަނޑަށް ދޭހަވީ، ދެގައުމުގެ ގުޅުމަށް އެމަނިކުފާނު ވަރަށް ސަޕޯޓުކުރައްވާކަން،" އޭނާ ވިދާޅުވި އެވެ.

ސަފީރު އިތުރަށް ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ވެސް އެކި ދާއިރާތަކުން ޗައިނާ އިން ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

"އަދި ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ނަޝީދުވެސް ވަނީ އެމަނިކުފާނުގެ ދައުރު ރަނގަޅަށް އަދާކުރައްވާފައި. އަޅުގަނޑުގެ އުއްމީދަކީ އެ މަސައްކަތް މުސްތަގުބަލުގައިވެސް ނަޝީދު ކުރައްވާނެކަމަށް. އެހެންވީމާ، ދެގައުމުގެ ގުޅުމާމެދު ނަޝީދުގެ ވިސްނުންފުޅު ހުރި ގޮތެއް ސީދާ ދިވެހި ރައްޔިތުންނަށް އެބަ ސާފުކޮށްދެއްވަންޖެހޭ،" އޭނާ ވިދާޅުވި އެވެ.