ރާއްޖެ އާއި ޗައިނާ ދެމެދު ގާއިމް ކުރި މިނިވަން ވިޔާފާރީގެ އެއްބަސްވުމަކީ "އެއް ފަރާތަށް ބުރަވެފައިވާ" އެއްބަސްވުމެއްކަމަށް ވިދާޅުވެ، އެ އެއްބަސްވުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އުވާލަފާނެކަމުގެ އިޝާރާތެއް ކުރީގެ މުހައްމަދު ނަޝީދު ދެއްވައިފި އެވެ.
"ޗައިނާ އާއެކު ވެފައިވާ އެއްބަސްވުން އޮތީ އެއްކޮޅަށް ފައިދާވާ ގޮތަށް ... އަދަދުތައް ދިމަލެއް ނުވޭ،" ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ ވަނީ ޗައިނާއާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފަ އެވެ. އެގޮތުން އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ޗައިނާއާ ހަވާލު ކުރުމާއި ރާއްޖެ އާއި ޗައިނާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެ ސަރުކާރުން އެކުލަވާލި އެވެ. އަދި މަޝްރޫއުތަކަށް ޗައިނާގެ ބޭންކްތަކުން ބޮޑެތި ލޯންތަކެއް ނެންގެވި އެވެ.
ޗައިނާއާއެކުވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން މުޅި ރާއްޖެ ދަރަނިވެރިވެ، އަޅުވަތިކަމަކަށް ހިނގައިދާނެކަމަށް ތަކުރާރުކޮށް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.
މިގޮތުން، މިހާރުވެރިކަން ކުރާ ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާއިރު، ޗައިނާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމަށް އަމަލުކުރަން ބޭނުންވާ ގާނޫނުތައް މަޖީލީހުން ފާސްނުކުރާނެކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި ބިޔަ މަޝްރޫއުތައް ހިންގުމަށް ޗައިނާއިން ލޯނު ދީފައިވަނީ، އެގައުމުގެ ކުންފުނިތަކަށް ރަށްތައް ވިއްކާލައިގެންކަމަށް ވެސް ނަޝީދު އަނެއްކާވެސް ވަނީ ތުހުމަތުކުރައްވައިފަ އެވެ.
"އެ ހުރިހާ އެއްބަސްވުމެއް [ރަށްތައް ދޫކުރުމުގެ] ހަދާފައިވަނީ ވިޔަފާރި އުސޫލުން ނޫންނަމަ އަޅުގަނޑުމެންނަށް މަޖުބޫރުވާނެ އެ އެއްބަސްވުންތައް އަލުން މުރާޖައާ ކުރަން، ... ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަހަލަ އެއްވެސް ކަމެއް އާންމުކޮށްފައެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.
ޗައިނާއިން ހިންގާފައިވާ މަޝްރޫއުތަކާއި ގުޅިގެން ރާއްޖެ ދަރަނިވެރިކޮށްލައި، ރާއްޖެ އަޅުވެތިކުރަން ޗައިނާއިން މަސައްކަތް ކުރާކަމަށް ނަޝީދު ވިދާޅުވަނީ، ނުބައި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.
އަދި ނަޝީދު އިސްވެ ހުންނަވައިގެން ޗައިނާއަށް އަމާޒު ކުރައްވާ ތުހުމަތުގައި އެއްވެސް އަސާސެއް އަދި ހަގީގަތެއް ނެތް ކަމަށް ވެސް ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވަނީ ވިދާޅުވެފަ އެވެ.