ހަބަރު

ސިއްރު ޑީލެއް ނެތް، ތުހުމަތު ކުރާ ވަރުގެ ދަރަންޏެއް ވެސް ނެތް: ޗައިނާ ސަފީރު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ހަދާފައިވާ އެއްބަސްވުންތަކުން ރާއްޖެ ތިން ބިލިއަން ޑޮލަރަށް ދަރާފައިވާކަމަށް ކުރެވޭ ތުހުމަތުތައް ޗައިނާ އިން ފުރަތަމަ ފަހަރަށް ދޮގުކޮށްފި އެވެ.

ސިނަމާލެ ބްރިޖާއި، އެއާޕޯޓް އެކްސްޓެންޝަން މަޝްރޫއާއި ހުޅުމާލެ ހައުސިން ޕްރޮޖެކްޓްތައް ހިމެނޭގޮތަށް ހިންގާފައިވާ މަޝްރޫއުތަކަކީ އެކަށީގެން ނުވާ އަދަދުތަކުން ޗައިނާއަށް ދީފައިވާ މަޝްރޫއުތަކެއް ކަމަށް އިދިކޮޅުން ދަނީ ތަކުރާރުކޮށް
ބުނަމުންނެވެ. އަދި މިފަހުން ބޭރުގެ ނޫސްތަކުން ބުނީ ޗައިނާއާ އެކު މި ސަރުކާރުން ހަދާފައިވާ ޑީލްތަކާ އެކު، ރާއްޖެ ޗައިނާއަށް ތިން ބިލިއަން ޑޮލަރަށް ދަރާފައިވާ ކަމަށެވެ.

ނަމަވެސް، މިއަދު "އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ އިންތިހާބުވި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ދެކޮޅު ނުބައްލަވައި، ޒިންމާދާރުކަން ކުޑަ ގޮތަކަށް ދަރަނީގެ އަދަދު ބޮޑުކޮށްގެން ވާހަކަފުޅު ދައްކަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރާއި ދާދި ފަހުން ބޭއްވި ބައްދަލުވުމަކަށް ހަވާލާދެއްވާ ސަފީރު ވިދާޅުވީ، ރާއްޖޭގެ ޖުމްލަ ބޭރުގެ ދަރަނި 1.2 ބިލިއަން ޑޮލަރުގައި ހުރިއިރު، އޭގެ ތެރެއިން ޗައިނާ ސަރުކާރަށް އަނބުރާ ދައްކަންޖެހޭ އަދަދަކީ 600 މިލިއަން ޑޮލަރު ކަމަށެވެ.

"އެކްސްޓާނަލް ޑެޓުގެ ތެރެއިން، ޕްރިފަރެންޝަލް ނުވަތަ ސޮވެރިން ލޯނުގެ ގޮތުގައި ޗައިނާ އަށް ދައްކަން ޖެހެނީ ޖުމްލަ ބޭރުގެ ދަރަނީގެ އަދަދުގެ 50 ޕަސަންޓު، އެ ލޯނުތަކަކީ އެންމެ ދެ ޕަސަންޓު އިންޓްރެސްޓުގައި ބްރިޖާއި، އެއާޕޯޓް އަދި ބައެއް ހައުސިންގް މަޝްރޫއުތައް ހިންގުމަށް ދޫކުރެވިފައިވާ ލޯނުތައް،" ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 20 އަހަރުން އަނބުރާ ދައްކަންޖެހޭ ލޯނުތަކެއް ކަމަށް ވިދާޅުވަމުން ސަފީރު ތަފްސީލް ދެއްވި އެވެ.

ސީދާ ދިވެހި ދައުލަތުން ޒިންމާވާންޖެހޭ ދަރަނީގެ އިތުރުން، ކޮމާޝަލް ލޯނުގެ ގޮތުގައި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަށް އިތުރު 900 މިލިއަން ޑޮލަރު ކަނޑައެޅިފައި ވީ ނަމަވެސް، މި މަޝްރޫއުތައް ހިންގައިގެން ލިބޭ އާމްދަނީން އެ ކުންފުނިތަކަށް ލޯނު އަނބުރާ ދެއްކޭނެކަމަށް ސަފީރު ވިދާޅުވި އެވެ.

ނަމަވެސް، ސަފީރު އިތުރަށް ވިދާޅުވީ މަޝްރޫއުތައް އަދި ނުފެށޭތީ، ކޮމާޝަލް ލޯނުތަކުގެ ތެރެއިން ބޮޑުބައި އަދި ދޫނުކުރެވޭ ކަމަށެވެ. އެ ހުރިހާ އަދަދުތަކެއް އެއްކޮށްލި ނަމަވެސް، އާ ސަރުކާރުން އެ ބުނާ އަދަދަށް ރާއްޖޭން ޗައިނާއަށް ދައްކަންޖެހޭ ދަރަނި ނާރާނެކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ރާއްޖެ ޗައިނާއަށް ތިން ބިލިއަންޑޮލަރަށް ދަރާފައިވާކަމަށް ބުނަމުންދާއިރު، މިއީ ތަހުގީގު ކުރަންޖެހޭ މައްސަލައެއް ކަމަށާއި، މިވަރުގެ އަދަދަކުން ރާއްޖެ ދަރާފައިވާތީ ދަރަނި އަދާކުރުމަށް އިތުރު ގޮތްތަކެއް ހޯދޭނެ މަގު ހޯދަން ޗައިނާއާއެކު މަޝްވަރާތަކަކަށް ތަކަކަށް ދާންޖެހޭނެ ކަމަށް، ޗައިނާއަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

އެކަމާއި ގުޅިގެން ސަފީރު ވިދާޅުވީ، ރާއްޖެއާއެކު ވެފައިވާ އެއްވެސް އެއްބަސްވުމެއްގައި "ސިއްރު ޑީލްތަކެއް" ނުހިމެނޭކަމަށާއި، ހުރިހާ ކަމެއް ވެސް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އާއި ބައިނަލްއަގުވާމީ ގަވާއިދުތަކާއި އެއްގޮތަށް
ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.

ނަމަވެސް، އާ ސަރުކާރުން އެ އެއްބަސްވުންތައް އިތުރަށް ބަލާއި ދިރާސާ ކުރަން ބޭނުންވެއްޖެނަމަ، އެކަމަށް ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ސަފީރު ދެއްވި އެވެ.

"އެކަމަކު ކޮންމެ ސަރުކާރަކުން ވެސް ވިސްނަންޖެހޭ ކަމަކީ، މި ލޯނުތައް އަނބުރާ ދެއްކުމަކީ ދިވެހި ދައުލަތަށް ލާޒިމްކަމެއްކަން، އެއްބަސްވުންތައް އިތުރަށް ބަލަން ބޭނުންވާނަމަ އެކަމަށް ޗައިނާ ސަރުކާރުގެ އެހީތެރިކަން ލިބޭނެ،" ލިޖޮންގް ވިދާޅުވި އެވެ.

އަދި އިންތިހާބީ ރައީސްގެ އިތުރުން ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ބައެއް ލީޑަރުންނާއި ބޭއްވުނު ބައްދަލުވުންތަކުގައި، ޗައިނާއާއެކު ވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމް ކުރައްވައި، މަޝްރޫއުތައްވެސް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން
ލިބިފައިވާކަމަށް، ސަފީރު ހާމަކުރެއްވި އެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދަށް އަތްގަދަ ކުރުމުގެ ގޮތުން ރާއްޖެ ދަރަނިވެރިކޮށްގެން ދިވެހިން އަޅުވެތި ކުރުމަށް ޗައިނާ އިން މަސައްކަތް ކުރަމުންދާކަމަށް ރައީސް ނަޝީދު އިސްވެ ކުރައްވާ ތުހުމަތުތަކަށް ވެސް ސަފީރު ވަނީ ރައްދު ދެއްވައިފަ އެވެ.

"ރާއްޖެ ކަހަލަ ރަހުމަތްތެރި ގައުމެއް ދަރަނިވެރިކޮށްގެން ޗައިނާއަށް އެއްވެސް ފައިދާއެއް ނުލިބޭނެ، އެއީ ޗައިނާގެ ސިޔާސަތެއް ވެސް ނޫން، ގައުމަކަށް އެހީވުމަށް ޗައިނާއަކުން ސިޔާސީ ޝަރުތެއް ނުކުރާނެ، ޗައިނާގެ ސިޔާސަތަކީ ގައުމަތަކާއި ގުޅިގެން މަސައްކަތްކޮށް، ހުރިހާ އެންމެންނަށް ވެސް ފައިދާވާ ގޮތަށް މަސައްކަތް ކުރުން."