ހަބަރު

ނަޝީދަށް ހަގީގަތް ސާފުކޮށްދޭން ޗައިނާ ސަފީރުގެ ދައުވަތެއް!

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއިން ހިންގާފައިވާ މަޝްރޫއުތަކާއި ގުޅިގެން ރާއްޖެ ދަރަނިވެރިކޮށްލައި، ރާއްޖެ އަޅުވެތިކުރަން ޗައިނާއިން މަސައްކަތް ކުރާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ، ނުބައި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

މިފަހުން ހއ. ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވީ، ޗައިނާގެ ބޭންކްތަކަށް ރާއްޖެ 3.2 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދަކުން ދަރާފައިވާކަމަށާއި، ނަމަވެސް އެ ދަރަނި ދައްކާނީ ކޮށްދިން ކަންކަން ރަނގަޅަށް "މިނެ ކިރައިގެން" އޭގެ އަގަށް ވާވަރުގެ އެއްޗަކަށް ކަމަށެވެ.

އެކަމާއި ގުޅިގެން، މިއަދު "އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ނަޝީދު އިސްވެ ހުންނަވައިގެން ޗައިނާއަށް އަމާޒު ކުރައްވާ ތުހުމަތުގައި އެއްވެސް އަސާސެއް އަދި ހަގީގަތެއް ނެތް ކަމަށެވެ.

ބޮޑު ދަރަންޏެއްގެ ތެރެއަށް ރާއްޖެ ވައްޓާލައި، މުޅި ގައުމު ބަނގުރޫޓުކޮށްލައިގެން ޗައިނާއަށް އޮތީ ކޮން ފައިދާއެއްތޯ ސަފީރު ވަނީ އެ އިންޓަވިއުގައި ސުވާލު އުފައްދަވައިފަ އެވެ.

ދެން އަޅުގަނޑަކަށް ނޭނގެ ނަޝީދު އެ ވިދާޅުވާ މައުލޫމާތުތައް ހޯއްދަވަނީ ކިހިނެއް ކަމެއް، ކޮންތާކުން ކަމެއް، އަޅުގަނޑު އަސްލު ބޭނުން ނަޝީދާއެކު ބައްދަލުވެ ހަގީގަތް ސާފުކޮށްދޭން،
ޖަންގް ލިޖޮންގް - ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު

ސަފީރު ވިދާޅުވީ ރާއްޖެއިން ޗައިނާ އަށް ދައްކަންޖެހޭ ލޯނުގެ ހަގީގީ އަދަދުތައް ރާއްޖޭގައި މަރުކަޒީ ބޭންކް، އެމްއެމްއޭގައި ވެސް ހުންނާނެ ކަމަށާއި، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ބައްދަލުވި ދުވަހުވެސް ހުރިހާ މަޝްރޫއުތަކެއްގެ ތަފްސީލީ މައުލޫމާތު ހިއްސާކުރެއްވިކަމަށެވެ.

"ދެން އަޅުގަނޑަކަށް ނޭނގެ ނަޝީދު އެ ވިދާޅުވާ މައުލޫމާތުތައް ހޯއްދަވަނީ ކިހިނެއް ކަމެއް، ކޮންތާކުން ކަމެއް، އަޅުގަނޑު އަސްލު ބޭނުން ނަޝީދާއެކު ބައްދަލުވެ ހަގީގަތް ސާފުކޮށްދޭން، އަޅުގަނޑު ނަޝީދަށް ދައުވަތު އަރުވަން
އަޅުގަނޑާއި ބައްދަލުކުރައްވައި، ހަގީގީ މައުލޫމާތުތައް ހޯއްދަވަން. އެ މައުލޫމާތު ފޯރުކޮށްދޭން އަޅުގަނޑު ތައްޔާރު،" ސަފީރު ވިދާޅުވި އެވެ.

ނަޝީދު ވެރިކަމުގައި ހުންނެވި އިރު، ޗައިނާ އާއެކު އޮންނަ ގުޅުން ވަރުގަދަކުރަން މަސައްކަތް ކުރެއްވުމަށްފަހު މިހާރު ވިސްނުންފުޅު ބަދަލުވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ސަފީރު އިތުރަށް ވިދާޅުވި އެވެ.

"އަޅުގަނޑު އިލްތިމާސް ކުރަން އާ ސަރުކާރުގެ ހުރިހާ ބޭފުޅުން ވެސް ޒިންމާދާރުކަމާއެކު، ރަނގަޅު މައުލޫމާތު ހޯއްދަވައިގެން ވާހަކަ ދައްކަވަން." ސަފީރު ވިދާޅުވި އެވެ.