ހަބަރު

ރާއްޖެއަށް ދޭ އެހީގައި އެއްވެސް ސިޔާސީ ޝަރުތެއް ނެތް: ޗައިނާ

ރައީސް ޔާމީން (ކ) އާއެކު ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ލިޖޮންގް -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ޗައިނާއިން ރާއްޖެއަށް ދީފައިވާ އެއްވެސް އެހީއެއްގައި ސިޔާސީ ޝަރުތެއް ނުކުރާކަމަށް، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ބިޔަ މަޝްރޫއުތައް ހިންގުމަށް ބޮޑެތި އަދަދުތަކުން ރާއްޖެއަށް ލޯނު ދީގެން، ރާއްޖެ ދަރަނިވެރިކުރުމުގެ މަގްސަދަކީ، އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު އިތުރުކޮށް މުޅި ސަރަހައްދަށް އަތްގަދަ ކުރުން ކަމުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އާ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެ ތުހުމަތުތަކާއި ގުޅިގެން، އިއްޔެ "އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޗައިނާ ސަފީރު ވިދާޅުވީ ރާއްޖެ ދަރަނިވެރިކޮށްގެން ޗައިނާއަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށާއި، ޗައިނާގެ ސިޔާސަތަކީ އެންމެންނަށް ވެސް ފައިދާވާ ގޮތަށް ތަރައްގީ ގެނައުން ކަމަށެވެ.

"ބޭރު ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ޗައިނާ އިން އަބަދުވެސް ގެންގުޅޭ ސިޔާސަތު، އެއްވެސް ގައުމަކަށް ދެވޭ އެހީއެއްގައި ސިޔާސީ ޝަރުތެއް ނޯންނާނެ، ޗައިނާއިން މަސައްކަތް ކުރަނީ އިހުލާސްތެރިކަމާއެކު،" ސަފީރު ވިދާޅުވި އެވެ.

ސަރަހައްދުގައި އިންޑިއާގެ ބާރު ކަނޑުވާލުމަށް، ޗައިނާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ބިނާ ކުރުމަށް މަސައްކަތް ކުރާކަމަށް ދެކެވޭ ވާހަކަތައް ވެސް ސަފީރު ވަނީ ވަރަށް ސާފުކޮށް ދޮގުކުރައްވައިފަ އެވެ.

ސަފީރު އަވަސްއަށް އިންޓަވިއު ދެއްވަނީ --

"އެކަހަލަ ވިސްނުމެއް ޗައިނާއިން އެއްވެސް އިރެއްގައި ނުގެންގުޅޭ، ރާއްޖެ އެކަންޏެއް ނޫން، ޗައިނާއަކީ ދުވަހަކުވެސް އެހެން ގައުމެއްގައި ސިފައިން ބޭތިއްބުމުގެ ސަގާފަތެއް ގެންގުޅޭ ގައުމެއް ނޫން،" ލިޖޮންގް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑުތަނުން ހީނަރުވެފައިވާއިރު، އެކަމުގެ މައިގަނޑު ސަބަބަކީ ޗައިނާއާއި ގުޅުން ބަދަހިކުރުން ކަމަށް ވެސް އިދިކޮޅުން މީގެ ކުރިންވެސް އެތަކެއް ފަހަރު މަތިން ވަނީ ތުހުމަތުކޮށްފަ އެވެ.

ނަމަވެސް، ސަފީރު ވިދާޅުވީ އިންޑިއާ އާއެކު ވެސް ޗައިނާގެ ގުޅުން ވަރަށް ބަދަހިކަމަށާއި، ރާއްޖެއާ ގުޅުން ބަދަހިވުމަކީ އެހެން ގައުމަކާއި އޮންނަ ގުޅުމަށް ބުރޫ އަރަންޖެހޭނެ ސަބަބެއް ނޫންކަމަށެވެ.

"ޗައިނާ އާއެކު ގުޅުން ގާއިމުވެފައި އޮންނަނީ އެހެން ގައުމަކާއި އޮންނަ ގުޅުން ކަނޑާލުމަށްފަހު ނުވަތަ އޭގެ ބަދަލުގައި އެއް ނޫން، އިންޑިއާ އާ ވެސް އަބަދުވެސް ގުޅުން ބަދަހި،" ސަފީރު ވިދާޅުވި އެވެ.

"މި ހުރިހާ ތުހުމަތުތަކަކީ ހަގީގަތުގައި ވުޖޫދުގައި ނުވެސް ނެތް ކަންތައްތަކެއް، އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް، ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ކުރެވޭ ކަންކަން، މުޅިން އޮޅުވާލައިގެން އެހެން ކަންކަމާއި ގުޅުވުމަކީ ވަރަށް ދެރަ ކަމެއް."

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910