ދުނިޔެ

ގަތަރުގެ ވެބްސައިޓްތައް ހެކްކުރަން ރޭވި ވާހަކައަކީ ދޮގެއް: ޔޫއޭއީ

Jul 18, 2017

ގަތަރުގެ ގައުމީ ނޫސް އެޖެންސީ އާއި އެގައުމުގެ ސަރުކާރުގެ ސޯޝަލް މީޑިއާ އެކައުންޓްތަކެއް މިދިޔަ މޭމަހު ބަޔަކު ހެކް ކުރުމުގެ ފަހަތުގައި ވަނީ ޔްނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ކަމަށް އެމެރިކާގެ ނޫހަކުން ބުނުމުން ޔޫއޭއީން އެ ވާހަކަ ދޮގު ކޮށްފި އެވެ.

ޔޫއޭއީގެ މިނިސްޓަރު އޮފް ފޮރިން ސްޓޭޓް ފޯ ފޮރިން އެފެއާޒް އަންވަރު ގަރްގާޝް އިއްޔެގައި ބީބީސީއަށް ވިދާޅުވީ ގަތަރު ވެބްސައިޓްތައް ހެކް ކުރަން ޔޫއޭއީން ރޭވި ވާހައަކީ ދެގެއް ކަމަށެވެ.

ގަތަރާއި ގަލްފުގެ އެހެން ހަތަރު ގައުމަކާ ދެމެދު މިހާރު އުފެދިގެން އުޅޭ އަރައިރުމުގެ މައިގަނޑު ސަބަބަކީ ވެބްސައިޓްތައް ހެކްކޮށްގެން ގަތަރު އަމީރު ޝައިޚު ތަމީމް ބިން ހަމަދު އައް ސާނީއާ ހަވާލާދީ ޝާއިއުކުރި ވާހަކަތަކެވެ. އެ ވާހަކަތައް ޝާއިއު ކުރީ ބަޔަކް ވެބްސައިޓްތައް ހެކްކޮށްގެން ކަމަށާއި ގަތަރު އަމީރު އެވާހަކަތައް ވިދާޅު ނުވާ ކަމަށް ގަތަރު ސަރުކާރުން އޭރުވެސް ބުންޏެވެ. ނަމަވެސް ސައުދީ އަރަބިއްޔާއާއި ބަހުރައިނާއި މިސްރާއި ޔޫއޭއީން ގަތަރުގެ ވާހަކަ ގަބޫލު ނުކޮށް، އެ ގައުމާ އެކު އޮތް ހުރިހާ ގުޅުމެއް ވަނީ ކަނޑާލާފަ އެވެ.

އެމެރިކާ އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުނީ ގަތަރުގެ ވެބްސައިޓްތައް ހެކްކުރުމުގެ ޕްލޭނާ ބެހޭ ގޮތުން ޔޫއޭއީގެ އިސް ބޭފުޅުންތަކެއް މަޝްވަރާ ކުރެއްވިކަން އެމެރިކާގެ ޖާސޫސީ އޮފިޝަލުންނަށް ލިބުނު މައުލޫމާތުތަކުން ކަށަވަރު ކުރެވުނީ މޭމަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

އެމައުލޫމާތުތަކުން އެކަން ކަށަވަރުވިކަން ވޮޝިންޓަން ޕޯސްޓަށް މައުލޫމާތު ދެއްވި އޮފިޝަލުންނަށް އެނގިވަޑައިގަތީ މިދިޔަ ހަފްތާގައި ކަމަށް ވެސް އެނޫހުގެ ރިޕޯޓްގައި ވެއެވެ. ނަމަވެސް ހެކް ކުރުމުގެ ހަރަކާތް ހިންގީ ސީދާ ޔޫއޭއީގެ ބަޔަކު ކަން ނުވަތަ އެގައުމުން އެކަން ހަވާލުކުރި އެހެން އެހެން ބަޔަކު ކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.