ހަބަރު

ގޮނޑި ގެއްލުނު މެންބަރުން ކޯޓަށް ވަޑައިގަންނަަވަނީ

ޕީޕީއެމް އިން ވަކިވުމުގެ ސަބަބުން ރައްޔިތުން މަޖިލީހުގައި ތަމްސީލު ކުރެއްވި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު އިއުލާން ކުރި ހަތަރު މެންބަރުން އެ މައްސަލަ ހިފައިގެން ސުޕްރީމް ކޯޓަށް ދާން ނިންމައިފި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އީސީއިން މިއަދު އިއުލާން ކުރި މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ.

"އަވަސް" އާ ވާހަކަދައްކަވަމުން އަމީތު ވިދާޅުވީ އެ މައްސަލާގައި އިންސާފު ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އެގޮތުން މައްސަލަ ހިފައިގެން ހަތަރު މެންބަރުން އެކުގައި ސުޕްރީމް ކޯޓަށް ދާން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ވައްޑޭ ވެސް ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށާއި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅޭ ގޮތުން ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި އީސީއިން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ އެ ހަތަރު ދާއިރާގައި ބައި އިލެކްޝަން ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ހުކުމް އިތުރަށް ތަރުޖަމާކޮށް ނެރެފައިވާ ހުކުމުގައި ބުނެފައި ވަނީ ހުކުމުގެ ކުރިން ހިނގި އެއްވެސް ކަމަކަށް އަސަރެއް ނުކުރާނެ ކަމަށެވެ.

ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައި މި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލައެއް 45 މެންބަރުންގެ ސޮޔާއެކުގައި ހުށަހަޅާފައިވަނިކޮށެވެ. އަދި އެ މައްސަލާގެ ނޯޓިސްވެސް މަޖިލީހުން މެންބަރުންނަށް ވަނީ ފޮނުވާފަ އެވެ. ނަމަވެސް ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ހަތަރު މެންބަރުންގެ ގޮނޑި ގެއްލުމުން ސޮއި ހުށަހަޅާފައިވާ މެންބަރުންްގެ އަދަދު 41 އަކަށް ވެއްޓި އިތުބާރު ނެތް މައްސަލަ ބާތިލު ވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ކައުންސިލް މެންބަރަކު ވަނީ ވިދާޅުވެފަ އެވެ.