ޑރ. މުހައްމަދު ޖަމީލް އަހުމަދު

ހައްލު ހޯދަންވީ ސުޕްރީމް ކޯޓުން: ޖަމީލް

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު: ހައްލު ހޯދަންވީ ސުޕްރީމް ކޯޓުން ކަމަށް ވިދާޅުވޭ -- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

ކުރިމަތިވާ ހާއްސަ ހާލަތްތަކުގައި ނެސެސިޓީގެ އުސޫލަށް ބަލައި އިންތިހާބުތައް ފަސް ކޮށްފައި ވާކަން ރާއްޖޭގެ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކުން ފެންނަން އޮތްއިރު މިހާރު ދިމާވެފައިވާ ހާލަތުގައި ވެސް ހައްލު ހޯދަންވީ ސުޕްރީމް ކޯޓުން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އިގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު ކުރިން ބާއްވަން ނިންމި މުއްދަތުގައި ނުބޭއްވޭނެތީ އިލެކްޝަންސް ކޮމިޝަނުން ނިންމީ މިމަހުގެ 18 ވަަނަ ދުވަހަށް އިންތިހާބު ފަސް ކުރުމަށެވެ. ނަމަވެސް އަދިވެސް ހާލަތު ބަދަލުވެފައި ނުވާތީ މި މުއްދަތުގައި ވެސް އިންތިހާބު ނުބޭއްވޭނެ އެވެ.

އެހެން ކަމުން ޝަރުއީ މަރުހަލާއިން އެކަމަށް ގާނޫނީ ހައްލެއް ހޯދަން މައްސަލަ ހައިކޯޓާއި، ސުޕްރީމް ކޯޓަށް ހުށައެޅި އެވެ. އެ މައްސަލަތައް ޝަރީއަތުން އަނބުރާ ނެގުމަށްފަހު މަޖިލީހަށް ހުށައެޅީ އެ މައްސަލައިގެ ހައްލު އޮތީ މަޖިލީސްތެރޭގައި ކަމަށް އެ މަޖިލީހުގެ ރައީސް ވިދާޅުވުމުންނެވެ. ނަމަވެސް މަޖިލީސް ތެރެއިން ވެސް އެކަން ނުކުރެވި މެންބަރުންގެ ބަހުސްތައް ވަނީ ކަފިވެފަ އެވެ.

ކުރިން ޖަސްޓިސް މިނިސްޓަރުކަމާއި އިސް ގާޒީކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވީ ކުރިމަތިވާ ހާއްސަ ހާލަތްތަކުގައި ނެސެސިޓީގެ އުސޫލަށް ބަލައި އިންތިހާބުތައް ފަސް ކޮށްފައިވާކަން ރާއްޖޭގެ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކުންނާއި ގާއިމް ކޮށްފައިވާ ގާނޫނީ ހަމަތަކުން ސާބިތުވާ ކަމަށެވެ.

މިހާރު ދިމާވެފައިވާ ހާލަތުގައި ރައްޔިތުން މަޖިލީހުން ހެދި އެންމެ ބޮޑު ގޯހަކީ ގާނޫނީ ހުސް ކަމެއް ދިމާވުމުން ސުޕްރީމް ކޯޓުން ފަރުވާއެއް ނުހޯދުން ކަމަށާ އެންމެ މަތީ ކޯޓަކީ ދުސްތޫރީ ކޯޓް ކަމުގައިވީއިރު ދުސްތޫރީ ކަންކަމުގައި އެ ކޯޓުގެ އިހްތިސާސެއް ނެތް ކަމަށް ހަދައިފިނަމަ މިފަދަ ކޮންމެ ކަމަކާ މެދު އަރައިރުން އުފެދޭނެ ކަމަށެވެ.

ކުރިމަތިވާ ހާއްސަ ހާލަތްތަކުގައި ނެސެސިޓީގެ އުސޫލަށް ބަލައި އިންތިހާބުތައް ފަސްކޮށްފައިވާކަން ރާއްޖޭގެ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކުންނާއި އެހެނިހެން ޖޫރިސްޑިކްޝަންތަކުގައި ގާއިމްކޮށްފައިވާ ގާނޫނީ ހަމަތަކުން ސާބިތުވޭ. މި މަޖިލީހުން ހެދި އެންމެ ބޮޑު ގޯހަކީ ގާނޫނީ ހުސްކަމެއް ދިމާވުމުން ސުޕްރީމް ކޯޓުން ފަރުވާއެއް ނުހޯދުން. އެންމެ މަތީ ކޯޓަކީ ދުސްތޫރީ ކޯޓު. ދުސްތޫރީ ކަންކަމަށް އެ ކޯޓުގެ އިހްތިސާސް ނެތް ކަމަށް ހަދައިފިނަމަ މިފަދަ ކޮންމެ ކަމަކާ މެދު އަރައިރުން އުފެދޭނެ
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބު ރައީސް

ޖަމީލް ވިދާޅުވީ ކައުންސިލް އިންތިހާބަށްޓަކައި ކަމަށް ބުނެ ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ވެސް ނުރައްކާތެރި ކަމެއް ކަމަށާއި ކުއްލި ހާލަތްތަކުގައި އަމަލު ކުރާނެ ގޮތް ބަޔާންކޮށް އިންތިހާބުތަކާބެހޭ ގާނޫނަށް އިސްލާހު ގެނެވިދާނެ ކަމަށެވެ.

ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ދުސްތޫރީ ކަންކަމުގައި ސުޕްރީމް ކޯޓުން ހައްލު ހޯދުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މަޝްވަރާއާއެކު ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020 ގެ ނަމުގައި ބިލެއް ހުށައަޅާފަ އެވެ.

ދިހަ މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 އިން ހޮވޭ މެމްބަރުން މަގާމާ ހަވާލުވުމުން އުވިގެންދާ ގޮތަށެވެ.

މި ބިލްގައި ހިމެނިފައިވާ މުހިންމު ކަންކަމަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލަށް އަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 18 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރެވުނީ އެވެ. އެ އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިހާބާގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ. އަދި ފަސްކުރާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020، ލަސްވެގެން، ޖަނަވަރީ 6، 2021 ގެ ނިޔަލަށް ބާއްވައި ނިންމަން ޖެހެ އެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރަން ޖެހޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އެވެ.

އޭގެ ފަހުން ގާނޫނު އަސާސީ އިސްލާހު ނުކޮށް އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ލޯކަލް ކައުންސިލަރުންގެ ދައުރު ދެމިގެންދާނެ ގޮތަކަށް އަމަލު ކުރާނެ އުސޫލުތައް ހިމަނައި ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ވަގުތީ ބިލެއް މަޖިލީހަށް ވަނީ ހުށައަޅާފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ނިމި ކައުންސިލް އިންތިހާބު ބޭއްވެން ދެން މިހާރު ތިބި ހުރިހާ ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ.

ނަމަވެސް ވަގުތީ އަދި ދާއިމީ ގާނޫނަކުން ވިޔަސް ކައުންސިލަރުންގެ ދައުރު ދިގު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަލީރާޖާ

ކޯޓަކުން ކުރިން ކަމެއް ވަކި ގޮތަކަށް ކޮށްފައި އޮތުމަކީ އެކަމެއް ގާނޫނީ ކަމަކަށް ބަދަލުވާ ސަބަބެއް ނޫން. ކުރި ކިޔަސް، މިހާރު ކުރިޔަސް އަދި ފަހުން ކުރިޔަސް، ގާނޫނާ ޚިލާފަށް ކުރި ކަމެއް ވާނީ ގާނޫނާ ޚިލާފު ކަމަކަށް. ތިޔަ ކޯޓުން ވަނީ އޭގެ އެތައް ކަމެއް ކޮށްފައި.

އިސީ

ވަގަށް ތިބެގެން ބޮނޑިބަތް ކާން ފެނޭ

ޖޭޑު

ނެސެސިޓީގެ އުސޫލަށް ބަލައި އިންތިހާބުތައް ފަސް ކޮށްފައިވާކަން ރާއްޖޭގެ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކުންނާއި ގާއިމް ކޮށްފައިވާ ގާނޫނީ ހަމަތަކުން ސާބިތުވިޔަސް އެއީ ގާނޫނި އަދި ދުސްތޫރީ ހަމަތަކުން ބަލާއިރު ރާއްޖޭގެ ގާނޫނު އަސާސީ ޖާގަދޭކަމެއް ނޫނެވެ. 2013 ގެ ރިޔާސީ އިންތިހާބުގައި ކަންކުރަންވީގޮތް ގާނޫނު އަސާސީގަ އެބައޮތެވެ. މަޖިލީހުގެ ރައީސް ވެރިކަމާ ވަގުތީ ގޮތުން ހަވާލުވުމެވެ. މިހާރު ހޯދަންވީ ޖުމްލަ ހައްލެކެވެ. ގާނޫނުއަސާސީ އިސްލާހު ކުރަންވީ އެމަގަށެވެ. ވަކިކަމަކަށެއް ނޫނެވެ. ގުދުރަތީ ނުވަތަ އާންމު ބާރެއްނެތް ކަމެއްގައި އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުންނަށް ވާނެގޮތަކާއި އިންތިހާބުތައް ބާއްވާނެ ގޮތެކެވެ.

އަލީ ލަތީފު

ސުޕްރީމް ކޯޓަކީ ގާނޫނު އަސާސީއަށްވުރެ މަތީގައި އޮންނަ ތަނެއްތޯ؟ ކަޑައެޅިގެން ގާނޫނުގައި ވަކި ގޮތަކަށް ކުރަން ލިޔެފައި އޮންނަ ކަމެއް އެނޫން ގޮތަކަށް ކުރެވޭނީ ގާނޫނު ބަދަލުކޮށްގެންކަން ނޭގޭ މީހަކު ތިމަންނާ އަކީ ވަކީލެކޭ ބުނީމާ ލަދުވެތި ދެއްތޯ؟

ވަސް

މިފެންނަނީ ސިޔާސީކަންކަމުގައި ޖަމީލްމެންސިކުޑި ހުރިހިސާބު އަންނި ބޭނުންނަމަ ވަގުތުންވަގުތައް ތިބިލް ނިންމީސް

ހަވާ

ޖަމީލަކީ މައުމޫނުގެ ދަރިވަރެއް ސޯޓުޖީބައް ކޯޓުތައްލާ ހަޑިހޭވި ޒަމާން ވޭތުވެއްޖެ އެންމެނައް އެގޭ ގާނޫނު ހަދާތަނެއްނޫންކަން ކޯޓުތައްއެއީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345