ޑރ. އަހުމަދު އަބްދުﷲ ދީދީ

ހައްލު އޮތީ ސުޕްރީމް ކޯޓްގައި: ކުރީގެ އުއްތަމަފަނޑިޔާރު

އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމާމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ހައްލު ދިނުމުގެ ހަގީގީ އިހުތިސާސް އޮތް ފަރާތަކީ ސުޕްރީމް ކޯޓް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅު ވެއްޖެ އެވެ.

ކޮވިޑް-19 އިގެ ބަލިމަޑިކަމުގެ ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވި އޮތް އިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް ހަމަވެ އެވެ. އެކަމާ ގުޅިގެންސަރުކާރުން މަޖިލީހަށް ފޮނުވާފައި އަންނަ ގާނޫނީ ހުސްކަމުގެ މުއްދަތުގައި މިހާރު ތިބި ކައުންސިލަރުން ތިބުމަށް ގާނޫނު އަސާސީ އިސްލާހު ކުރާށެވެ.

ކައުންސިލް އިންތިހާބު ކުރިން ކަނޑައެޅިފައިވާ ތާރީހުތަކުގައި ނުބޭއްވޭނެތީ އެ މައްސަލަ ފުރަތަމަ ހުށައެޅީ ހައިކޯޓަށެވެ. އަދި އޭގެ ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓަށް ހުށައަޅާފަ އެވެ. ނަމަވެސް އެ ކޯޓުން އެ މައްސަލާގައި ބަހެއް ބުނުމުގެ ކުރިން މައްސަލަ ނަގާ މަޖިލީހަށް ހުށައެޅީ މަޖިލީހުގެ ރައީސް އެގޮތަށް އެދިވަޑައިގަތުމުންނެވެ.

ނަމަވެސް މި މައްސަލައަށް ހައްލެއް ހޯދައު ނުދެވި އަދި ހައްލު ހޯދުމުގައި ވެސް މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދުމުން އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ހުށައަޅާފަ އެވެ. އެ މައްސަލާގައި މިއަދު ފެށި ބަހުސްގެ ޖަލްސާ ވެސް މިރޭ ވެސް ކުރިޔަށް ދާނެ އެވެ.

މިހާރު ކުރިމަތިވެފައިވާ ހާލަތާއި ގުޅޭގޮތުން، މަގާމުން ދުރުކުރި ކުރީގެ އުއްތަމަ ފަނޑިޔާރު ވަނީ އެމަނިކުފާނުގެ ގާނޫނީ ރައުޔު ފާޅުކުރައްވާފަ އެވެ. މައިގަނޑު ފަސް ކަމެއް އެ މަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.

އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ 2020 ގައި ބާއްވަން ޖެހޭ ކައުންސިލް އިންތިހާބު ފަސްވުމާއި ގުޅިގެން މިހާރު މަގާމުގައި ތިއްބެވި ކައުންސިލަރުން މަގާމުގައި ދެމި ތިބުމުގެ މައްސަލައަށް ދުސްުތޫރީ ހައްލު ދިނުމުގެ އިހުތިސާސް ލިބިގެން ވަނީ ވަނީ ސުޕްރީމް ކޯޓަށް ކަމަށެވެ. އެ ކަމުގައި އެއްވެސް ޝައްކެއް އަދި ވަސްވާހެއް ވެސް ނެތް ކަމަށެވެ.

"... ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ މި މައްސަލާގައި ދެ ބަޔަކަށް ބެހިފައި. ބައެއް މެންބަރުން ދެކެނީ އާންމު ގާނޫނަކުން، ދުސްތޫރީ މުއްދަތު ހަމަވާ ކައުންސިލަރުން އަލުން ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އާ ކައުންސިލަރުން ހޮވެން ދެން މަގާމުގައި ދެމިތިބުމަށް ކަނޑައެޅުމަށް. އަނެއްބައި މެންބަރުން ދެކެނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން މެނުއީ މުއްދަތު ހަމަވާ މެންބަރުން މަގާމުގައި ދެމިތިބުން ސައްހަ ނުވާނެ ކަމަށް. ސަބަބަކީ އެ މެންބަރުންގެ ރައުޔުގައި ގާނޫނު އަސާސީން ކަނޑައަޅާފައިވާ މުއްދަތު ނުވަތަ ދައުރު އާންމު ގާނޫނަކުން ބަދަލު ކުރެވޭނެ ގާނޫނީ ހަމައެއް ނެތުން. މި މައްސަލާގައި ދުސްތޫރީ ނަޒަރަކުން ބަލާއިރު ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރެވުމާއި ގުޅިގެން އުފެދޭ ދުސްތޫރީ ސުވާލަކީ ކައުންސިލަރުގެ މުއްދަތު އިތުރު ކުރުމެއް ނޫން. ނުވަތަ ދައުރު ދެއްމުމެއް ވެސް ނޫން."

ދީދީ ވިދާޅުވި ގޮތުގައި އިމަޖަންސީ ނުވަތަ ނެސެސިޓީ ހާލެތެއްގެ ސަބަބުން ކައުންސިލްތަކުގެ ދުސްތޫރީ މުއްދަތު ނިމުމަކަށް އަންނައިރު އާ ކައުންސިލަރުން އިންތިހާބު ނުކުރެވޭ ހާލަތުގައި ކުރީގައި ތިބި ކައުންސިލަރުންގެ މަގާމުގެ ބާރުތައް އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން ދެމިގެން ދާނެ އެވެ. ދީދީ ވިދާޅުވާ ގޮތުގައި މިއީ ދައުރު ދެންމުމާ ބެހޭ މައްސަލައެއް ނޫނެވެ. މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުުރުމުގެ އެެއްވެސް ޒަރޫރަތެއް ނެތެވެ.

މި ހާލަތުގައި ހައްލު ދިނުމުގެ އަސްލީ އިހުތިސާސް އޮތް ފަރާތަކީ ސުޕްރީމް ކޯޓް ކަމަށާއި މަޖިލީހަށް އޮތް ބާރަކީ އިމަޖެންސީ ހާލަތެއްގައި އިންތިހާބު ފަސް ކުރަން ޖެހިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ދުސްތޫރީ އަދި ގާނޫނީ އާންމު އުސޫލުތައް ޝާމިލްވެގެންވާ ނައްސުތައް އެކުލެވޭ ގާނޫނު އަސާސީ އާއި ގާނޫނުތަކަށް އިސްލާހު ގެނައުން ކަމަށެވެ.

"މި މައްސަލާގައި ސުޕްރީމް ކޯޓްގެ ބަހެއް ހޯދުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ރައްޔިތުންގެ މަޖިލީހުން އެކުލަވާލައި އާންމު ގާނޫނަކުން ލޯކަލް ކައުންސިލް އިންތިހާބު އަލުން ބާއްވައި އާ ކައުންސިލުން އިންތިހާބުކޮށް ނިމެންދެން މިހާރު މަގާމުތަކުގައި ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށް، ކަމާބެހޭ ދުސްތޫރީ މަބްދައުތަކަށް ރިޔާއަތްކޮށް ކަނޑައެޅުމަކީ މުހިންމު ކަމެއް." ދީދީ ވިދާޅުވި އެވެ.