ދުނިޔެ

ޓްރަމްޕްގެ ދަރިކަލުންނާއި ދަނބިދަރިކަލުން ސެނެޓަށް ހާޒިރު ކުރަނީ

Jul 20, 2017

ވޮޝިންޓަން (ރޮއިޓާސް) ރަޝިޔާއާއި އޮންނަ ކަމަށް ތުހުމަތު ކުރެވޭ ގުޅުމާ ބެހޭ ގޮތުން ސުވާލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ދަރިކަލުންނާއި ދަނބިދަރިކަލުން އަދި ކެމްޕޭން މެނޭޖަރު އެގައުމުގެ ޕާލަމެންޓްގެ މަތިގެ' ސެނެޓް' އަށް ހާޒިރު ކުރަން ނިންމައިފިއެވެ.

އެމެރިކާ އޮފިޝަލުން ވިދާޅުވީ ޓްރަމްޕްގެ ދަރިކަލުން ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އާއި ދަނބިދަރިކަލުން ޖެރެޑް ކުޝްނާ އަދި ކުރީގެ ކެމްޕޭން މެނޭޖަރު ޕައުލް މަނަފޯޓް ސެނެޓްގެ ކޮމިޓީ ތަކަށް ހާޒިރުކުރާނީ އަންނަ ހަފުތާގައި ކަމަށެވެ.

އެ ތިންބޭފުޅުންނަކީ އެމެރިކާގައި މިދިޔަ 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ކުރެވޭ ތުހުމަތާއި ރައީސް ޓްރަމްޕްގެ ކެމްޕޭން ޓީމާ ރަޝިޔާ އޮފިޝަލުންނާ ދެމެދު މުއާމަލާތްތަކެއް ހިނގި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ކުރާ ތަހުގީގުގައި މިހައިތަނަށް ސުވާލުކުރާ، ޓްރަމްޕްގެ އެންމެ އަރިސް ބޭފުޅުންނެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޓްރަމްޕްގެ ކެމްޕޭން ޓީމާ ރަޝިޔާއާ ގުޅުން އޮތް ކަމަށާއި އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ކުރިން ވަނީ ތުހުމަތުކޮށްފައެވެ. އެ ތުހުމަތުތަކަށް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ދެކޮޅު ހައްދަވަމުންނެވެ.

އެމެރިކާ ސެނެޓްގެ ޖުޑިޝަރީ ކޮމިޓީން ބުނީ ޓްރަމްޕްގެ ދަރިކަލުން ޓްރަމްޕް ޖޫނިއާއާއި ކުރީގެ ކެމްޕޭން މެނޭޖަރު މަނަފޯޓްއާ ސުވާލު ކުރާނީ މިހިނގާ ޖުލައިމަހުގެ 26 ވަނަ ދުވަހު އޮންނަ އަޑުއެހުމެއްގައި ކަމަށެވެ.

ރިޔާސީ އިންްތިހާބުގައި ޓްރަމްޕާ ވާދަކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ރޯދަމް ކްލިންޓަނަށް ސިޔާސީ ގޮތުން ގެއްލުންވާ ފަދަ މައުލޫމާތު ތަކެއް ގެންގުޅުނު ރަޝިޔާގެ ލޯޔަރެެއް ކަމަށް ބުނާ އަންހެނަކާ ބައްދަލު ކުރެއްވިކަން ހާމަވާ ، ޓްރަމްޕް ޖޫނިއާގެ އީމެއިލްތަކެއް ވަނީ އާއްމުވެފައެވެ. އެ ބައްދަލުވުމަށް މަނަފޯޓްއާއި ކުޝްނާވެސް ހާޒިރުވިއެވެ.

ސެނެޓްގެ އިންޓެލިޖެންސް ކޮމިޓީއަށް ކުޝްނާ ހާޒިރުކުރާނީ މިހިނގާ ޖުލައިމަހުގެ 24 ވަނަ ދުވަހު ބާއްވާ ސިއްރު އަޑުއެހުމަކަށެވެ.