މާލޭގެ ސަލްޓަން ޕާކުގެ މަސައްކަތް ނިމި އަންނަ މަހު ހުޅުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ސަލްޓަން ޕާކުގެ ސުނޯ ފައިބާ ގޮތަށް ނުވަތަ ވިންޓަ ތީމަށް ތަރައްގީ ކުރާ ސަރަހައްދު ފިޔަވާ ދެންހުރި ހުރިހާ ތަނެއް މަސައްކަތް ނިމުމަކާއި ގާތުގައިވާ ކަމަށާއި އަންނަ މަހު ސަލްޓަން ޕާކު ހުޅުވާނެ ކަމަށެވެ.
ވިންޓާ ތީމްގެ އޭރިއާގެ މަސައްކަތް އެއްކޮށް ނުނިމޭ ކަމަށާއި ނަމަވެސް އެތަނުގެ މަސައްކަތް ވެސް މިއަހަރު ތެރޭގައި ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
މާލޭގެ އެންމެ ބޮޑު ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ޖެނުއަރީ މަހު ހައުސިން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. ދެ ފިޔަވައްސަކަށް ތަރައްގީ ކުރާ ޕާކުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނިޔަލަށް ނިންމާށެވެ. ނަމަވެސް ބޭރުން ތަކެތި ގެނައުން ލަސްވުމުގެ ސަބަބުން ޕާކުގެ މަސައްކަތް ނިމޭނެ ކަމަށް ކުރިން ލަފާކޮށްފައިވަނީ މިދިޔަ މަހު އެވެ.
ސަލްޓަންޕާކް ތަރައްގީ އެޑިއުކޭޝަނަލް ބައިތައް ވެސް ހިމެނޭ ގޮތަށް ނިފޫހި ފިލުވުމާއެކު އެވެ. އަދި އުސްގެ ކޮޅު ހަދަނީ ހެރިޓޭޖް ޕްލާޒާއަކަށެވެ. ދެބުރީގެ ފައުންޓަނާއި، ކުޑަކުދިންގެ ކުޅޭ ސަރަޙައްދާއި ގްރީން ވޯކް ޓަނަލާއި ސްޓޭޖް ޑްރާމާ ތިއޭޓަރާއި ޕްލޭ އޭރިއާއެއް ވެސް ހިމެނެއެވެ. ޕާކްގައި ވިންޓަ ތީމް އޭރިއާއެއް ވެސް ތަރައްގީ ކުރެއެވެ.