ހަބަރު

45 ރަށެއްގައި ބޯ ފެނުގެ ނިޒާމް ގާއިމް ކުރަން ބަޔަކާ ހަވާލުކޮށްފި

45 ރަށެއްގައި ބޯފެން ރައްކާކުރާ ނިޒާމް ޑިޒައިންކޮށް އަމަލީ މަސައްކަތް ކުރަން ބަޔަކާ ހަވަާލުކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އަދި ޝާހް ޓެކްނިކަލް ކޮންސަލްޓެންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގޯތަމް މަހާވިރު ޝާހް އެވެ. 13.6 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަޝްރޫއުގެ ދަށުން ބޯފެނުގެ ނިޒާމު ގާއިމުކުރަން ކަނޑައެޅިފައިވާ ރަށްތަކަކީ ހއ. އުތީމު، ހއ.މުޅަދޫ، ހއ.މުރައިދޫ، ހއ.އުލިގަމު، ހއ.މާރަންދޫ، ހއ.ފިއްލަދޫ، ހދ.ފިނޭ، ހދ.ކުރިނބީ، ހދ.ނޭކުރެންދޫ، ހދ.ހިރިމަރަދޫ، ށ.ފޭދޫ، ށ.ނަރުދޫ، ށ.ފީވަށް، ށ.ޅައިމަގު، ށ.ނޫމަރާ، ށ.ބިލެތްފަހި، ށ.ފުނަދޫ، ނ.މަގޫދޫ، ނ.ހެންބަދޫ، ނ.ޅޮހީ އއ.ހިމަންދޫ، އއ.ބޮޑުފުޅަދޫ، އއ.މަތިވެރި، އދ.ކުނބުރުދޫ، އދ.ދިގުރަށް، މ.ރަތްމަންދޫ، މ.ވޭވަށް، މ.ނާލާފުށި، ދ.ބަނޑިދޫ، ދ.މީދޫ ، ދ.ހުޅުދެލި، ތ.ވަންދޫ، ތ.ގާދިއްފުށު، ތ.އޮމަދޫ، ތ.ކަނޑޫދޫ، ތ.ކިނބިދޫ، ތ.ދިޔަމިގިލި، ގއ.ނިލަންދޫ، ގއ.މާމެންދޫ، ގއ.ކޮޑޭ، ގދ.ނަޑެއްލާ، ގދ.ހޯޑެއްދޫ، ގދ.ފިޔޯރީ، ގދ.ރަތަފަންދޫ އަދި ގދ.ފަރެސްމާތޮޑާ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މެދުނުކެނޑި ސާފުބޯފެން ލިބޭނެ އިންތިޒާމް ގާއިމް ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށްވަނީ ވަރަށްބޮޑު ކުރިއެރުމެއް ލިބިފައި ކަމަށާއި ވޭތުވެދިޔަ ތިންއަހަރުގެ ތެރޭގައި 29 ރަށެއްގައި ބޯފެން ރައްކާކުރާ ނިޒާމު އަލަށް ގާއިމުކޮށް ނިމި 18 ރަށެއްގައި މަސައްކަތް ކުރިޔަށް ދާ ކަމަށެވެ. އަދި 12 ރަށެއްގައި ފެން އުފެއްދުމުގެ ގާބިލްކަމާއެކު ބޯފެން ރަށްކާކުރުމުގެ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި މިއަދު ހަވާލުކުރެވޭ 45 ރަށާ އެކު ބޯފެނުގެ ނިޒާމު ރައީސް ޔާމީނުގެ ސަރުކާރުގާއި ގާއިމްކޮށްދެވޭ ރަށްތަކުގެ އަދަދު 104 އަށް އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 23 ރަށެއްގައި ޒަމާނީ ފެނުގެ ނިޒާމު ގާއިމުކޮށް ނިމިފައިވާކަމަށާއި 17 ރަށް ނިމިފައިވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކަމަށެވެ. އަދި މިހާރު ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ހަވާލުކުރެވިފައިވާ 20 ރަށުގެ އިތުރުން މިއަހަރުގެ ކުރިޔަށް އޮތްތަނުގައި އިތުރު 6 ރަށެއްގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ ފެނުގެ ނިޒާމް ގާއިމުކުރެވޭ 49 ރަށާއި ބޯފެނުގެ ނިޒާމް ގާއިމްކުރެވޭ 104 ރަށާއެކު ޖުމްލަ 153 ރަށެއްގެ ފެނުގެ މައްސަލައަށް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުން އެބަދޭ" މިނިސްޓަރު ވިދާޅުވި އެވެ.