އަޅުގަނޑު ކުޑައިރު ވަރަށް ބޮޑަށް ސުވާލު އުފެދިފައި އޮންނަ ކަމެއް އޮވެއެވެ. އެއީ އަޅުގަނޑާ ދިމާއަށް "ތިޔައީ ބިހު އާއިލާގެ މީހެކޭ" ބުނާތީ އެވެ. އެކަމާހުރެ އަޅުގަނޑުގެ "ވިޔަރި ގަނޑު" ބައެއްފަހާރާ ނުކުމެގެން އާދޭވެސް މެއެވެ. މި ސުވާލުގެ ޖަވާބު ހޯދަން އަޅުގަނޑު ކުރި މަސައްކަތުން އެހެން ނިސްބަތް ކުރަނީ އަޅުގަނޑުގެ މަންމަ ފަރާތުގެ އާއިލާއަށް "ބިހު އާއިލާ" އޭ ކިޔާތީ އެވެ. ދެން އެފުދުނު ސުވާލުވެސް ސަހަލައެއް ނޫނެވެ. އެހެން ކިޔަނީ ކީއްވެ ހެއްޔެވެ؟ ވަރަށް ފަހަކާ ޖެހެންދެންވެސް އެ ސުވާލަށް އެކަށީގެންވާ ޖަވާބެއް އަޅުގަނޑަށް އޮތީ ނުލިބި އެވެ. ނަމަވެސް އެ މަސައްކަތުގެ ތެރޭގައި އަޅުގަނޑު، ބައްޕަ ފަރާތުގެ އާއިލާ އަކީ "ކަންފަތް އާއިލާ" ކަން އެނގުނެވެ.
މި ސުވާލުގެ ތެރެއަށް އަޅުގަނޑަށް ފީނައިލާނެ ދޮރެއް ހުޅުވުނީ މީގެ ހަ އަހަރު ކުރީން އަޅުގަނޑުގެ ކުދީން ސިލޯނަށް ކިޔަވަން ފޮނުވުމަށްފަހު ކުރި ދަތުރެއްގައި އަޅުގަނޑުގެ ދޮށީ ގޮލާ "ސިންހަލައޭ އަވަރުދުއޭ، އަވުރުދުއޭ" ކިޔައިގެން ހުއްޓާ ނުލައި ޒާތެއްގެ ފަތިވަރެއް އަމުނާތީ އެއީ ކޮންމެ ފަދަ އަވަގުރާނައަކަށްވެސް ވެދާނެ ކަމަށް ގަންނާކުރެއްވި ބިރުން އެއީ ކޯންޗެއްތޯ ހޯދަން ކުރި މަސައްކަތުގެ ތެރެއިންނެވެ. އެ ގެނބިލުމުގެ ތެރޭގައި "ވެލި އަރާފައިވާ" އެތައް ކަމެއް ކޮނެވޭ ގޮތް ވެއްޖެ އެވެ.
އޭގެ ތެރެއިން އެއް ކަމަކީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހަކީ ދިވެހިންނާ ކިހާ ގުޅުމެއް ހުރި ކޮން ދުވަހެއްކަން އެނގުމެވެ. އެ ހޯދުންތަކުގެ އަލީގައި "ދިވެހިން ހަނދާން ނައްތާލާފައިވާ އޭޕްރީލް 14" މި ނަމުގައި އަޅުގަނޑު ލިޔުނު ރިޕޯޓެއްގައި އެ ދުވަހަކީ ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރަން އެންމެ ފައްކާ ދުވަސް ކަމަށް ލިޔެ، ޗާޕްޖަހައިގެން ނެރުމާއެކު އޭގެ އަހަރެއްހާ ދުވަސް ފަހުން "ލިޔުންތެރިންގެ ގުޅުން" ކިޔާ ޖަމިއްޔާއަކުން ނުރަސްމީކޮށް ދިވެހި ބަހުގެ ދުވަހަކީ އެ ދުވަސް ކަމަށް ހަދައިފި އެވެ. – ޝުރިއްޔާ -- އަދި ފަހުން މި އަހަރުގެ ޖެނުއަރީ 22 ގައި ސަރުކާރުން އެދުވަސް ރަސްމީކޮށްފި އެވެ. – ފަށްފަށުން ޝުކުރިއްޔާ --
އޭޕްރީލް 14 ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ޖެހޭ މައިގަނޑު ސަބަބަކީ ދިވެހި ރާއްޖެ އެ އިލްމުވެރިޔަކަށްޓަކައި ފަހުރުވެރިވާ އަދީބު، ހުސައިން ސަލާހުއްދީނު އުފަންވެވަޑައިގަތް ދުވަހަކީ ހިޖުރީ ގޮތުން ޖުމާދަލްއޫލާ 15، 1298 ވީ ބުރާސްފަތި ދުވަހަށް ވެފައި އެ ދުވަސް މީލާދީ ގޮތުން ދިމާވަނީ އޭޕްރީލް ،14 1881 ވަނަ ދުވަހަށް ކަމަށްވުމުންނެވެ. އެމަނިކުފާނު އުފަންވެވަޑައިގަތް ތާރީހު މީލާދީ ގޮތުން މެއި 11، 1881 ކަމަށް ބައެއް ލިއުންތަކުން ފެނުނަސް އެއީ ހިޖުރީ ތާރީހު މީލާދީ ތާރީހަށް ބަދަލު ކުރުމުގައި އަރާފައިވާ އޮޅުމެކެވެ. -- ކީރިތި ޤުރުއާނުގެ އެންމެ މަޝްހޫރު ތަރުޖަމާއެއް ކުރެއްވި އިލްމުވެރިޔާ އަބްދުﷲ ޔޫސުފު އަލީ އާއި ދިވެހި ތާރީހު އިލްމުވެރިޔާ ސިއްކަގޭ މުހައްމަދު ނަސީމުގެ އުފަން ދުވަހަކީ ވެސް އޭޕްރީލް 14 އެވެ. --
ދިވެހި ބަހުގެ ދުވަހެއް ފާހަގަކުރަން ކަލަންޑަރުން އޭޕްރީލް 14 އަށް ވުރެ ވަކިން ރީތި ދުވަހެއް ނުލިބޭނެ އެވެ.
މިއަދަކީ ނަކަތުން ކޮން ދުވަހެއްތޯ ބަލައިލަން ކަލަންޑަރަށް ދާށެވެ! މިއަދަކީ އައްސިދަ ނަކަތުން 7 ވަނަ ދުވަހެވެ. އެއީ ހުޅަނގު މޫސުން ފަށައި ހަފުތާވާ ދުވަހެވެ. އައްސިދައިގެ ހަތް ވަނަ ދުވަހަކީ އޭޕްރީ މަހުގެ 14 ވަނަ ދުވަހެވެ. އެ ދުވަހަކީ ދިވެހިންގެ "ބިހުރޯޒް" ނުވަތަ ސަގާފީ އާ އަހަރު ފަށާ ދުވަހެވެ. ވީމާ ބިހުރޯޒަކީ އައްސިދައިގެ ހަތްވަނަ ދުވަހެވެ. (މިތާނގައި ބިހުރޯޒް ކަމަނާ ވާހަކަ އާއި ބިހުރޯޒް ކަމަނާ މިސްކިތާމެދު ސުވާލު އުފެދެދިދާނެތީ އެ ދެ މައުލޫ ގުޅުވާލައިގެން ފަހުން އެހެން ލިޔުމެއް ލިޔާން ގަސްދު އެބައޮތެވެ.)
ބިހުރޯޒްގެ މާނައަކީ ބިހު ދުވަހެވެ. "ރޯޒް" އަކީ ފާރިސީ ބަހުން ދުވަހުގެ މާނާގައި ބޭނުން ކުރާ ލަފުޒެކެވެ. ކުރިން ރާއްޖޭގައި "ނާރޯޒް" ވެސް ފާހަގަ ކުރި އެވެ. އެހެން ކަމުން ބިހުރޯޒް ނުވަތަ ބިހު ދުވަހަކީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ. ސަގާފީ އާ އަހަރު ފަށާ ދުވަހެވެ.
"ބިހު" މިއީ އިރުމަތީ އިންޑިޔާގެ އާސާމް ފަދަ ތަންތަނުގައި ވެސް ފާހަގަ ކުރާ ދުވަހެކެވެ. އެމީހުން ވެސް މި ދުވަހަށް ކިޔަނީ "ބިހު" އެވެ. މި އުސޫލާއި ފެންނާން ހުރި ހެކިތަކުގެ މައްޗަށް ބަލާއިރު އޭޕްރީލް މަހުގެ 14 ވަނަ ދުވަހަކީ ދިވެހިންގެ ސަގާފީ އާ އަހަރުގެ އިތުރުން އޭޝިޔާގެ ވަރަށް ގިނަ އެހެން ގައުމުތަކުގައި ވެސް ސަގާފީ އާ އަހަރު ފަށާ ދުވަހެވެ.
އޭގެ ތެރޭގައި ބަރުމާ އާއި ކެމްބޯޑިއާ އާއި ލާއޮސް އާއި ނޭޕާލް ހިމެނެ އެވެ. އަދި މަލަޔާޅީންގެ އާ އަހަރު "ވިޝޫ"، އާއި އޮރިއްސާ މީހުންގެ އާ އަހަރާއި ސިންގަޅައިންގެ އާ އަހަރު "އަލުތު އަވްރުއްދަ" އާއި ތަމަޅައިގެން އާ އަހަރު "ޕުތަންޑު" އާއި ތައިލޭންޑްގެ އާ އަހަރު، "ސޮންކަރަން" އަދި އިންޑިޔާގެ ކަރްނާޓަކާގެ ތުލުނާޑް ސަރަހައްދުގެ އާ އަހަރު ބިސު، އާއި ބަންގާޅު މީހުންގެ އާ އަހަރު ހިމެނެ އެވެ. އެންމެން ވެސް ފަށަނީ އޭޕްރީލް 14 އިގައެވެ.
ދިވެހިންގެ ގަދީމީ ޒަމާނަށްދާއިރު ވެސް އޭޕްރީލް 14 އަކީ ދިވެހިންގެ ސަގާފީ އާ އަހަރުކަން އެނގެ އެވެ. ތާރީހީ އިލުމުވެރިޔާ މަރުހޫމް ހަސަން އަހުމަދު މަނިކު (ކޮލި ހަސަންމަނިކު) ގެ ތާރީހީ ދިރާސާތަކުން މިކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަވަށްޓެރި ސްރީ ލަންކާގެ ސިންގަޅައިންނާއި ތަމަޅައިން، އަދި އިންޑިޔާގެ ސްޓޭޓުތަކުގެ ތެރެއިން ދިވެހިރާއްޖެއާ އެންމެ ގާތުގައި އޮތް ކެރެލާ އާއި ޓެމިލްނާޑޫ އާއި ޒަމާނުއްސުރެ ދިވެހިންނާ ގާތް ގުޅުމެއް އޮތް އޮރިއްސާ އާއި ބަންގާޅުގައި އެމީހުންގެ އާ އަހަރު ފަށަނީ އޭޕްރީލް 14 އަށް ވުމުން އިހުޒަމާނުގެ ދިވެހިންނާ ވެސް އެދުވަސް ގުޅެނީ ކަމަށް ބެލެވެ އެވެ.
ދެން އޮތީ ސްރީ ލަންކާ އެވެ. އާދަކާދަ އާއި ވައްޓަފާޅީގެ ގޮތުން ދިވެހިންނާ އެންމެ ގުޅުން ބޮޑު އަވަށްޓެރިއާ އެވެ. ސްރީ ލަންކާ އަށް ބަލާއިރު، ސިންގަޅައިންނާއި ދިވެހިންނަކީ "އެއް ގަހުގެ ދެ ގޮފިގަނޑު" ކަން ހާމަވާ ވަރަށް ހެތްކާއި ގަރީނާތައް އެހުރީ ފެންނާށެވެ. ބަހާއި ނަސްލުގެ ގޮތުން ބެލިއަސް ދިވެހިންނާއި ސިންގަޅައިންގެ "އެއް ގޮހޮރުވަންތަކަން" ކަށަވަރުވެ އެވެ. ދެބައި މީހުންގެ ސަގާފަތާއި ވަންތަކަމަށް ބަލައިލިޔަސް ދިވެހިންގެ ގަދީމީ ދުވަސްތަކުގައި އޭޕްރީލް 14 އަށް ސަމާލުކަން ދިން ގޮތުގެ ތަސައްވުރެއް ކުރަހައިލަން ދައްޗެއް ނުވާނެ އެވެ.
ސިންގަޅަ ބަހުން އެ ދުވަހަށް ކިޔަނީ "އަލުތު އަވުރުދު" އެވެ. މި ބަސްތަކަށް ބަލާއިރު "އަލުތު" މިބަހަކީ ދިވެހިން ނަމަ "އަލަތު" އެވެ. "އައުރުދު" ނުވަތަ "އައުރޮދު" މި ބަހަކީ ބޯދާ ދިވެހި ބަހުގައި "އަހަރު" މި މާނައިގައި ބޭނުންކުރި ބަހެއްކަން މާލޭ ހުކުރު މިސްކިތުގައި ހުރި މަހާނަ ގާތަކާއި ބޯދާ ފަތްފުށްތަކުގެ ސަފުހާތަކުން ސާފުވާނެ އެވެ.
ރާއްޖޭގައި ސަގާފީ އާ އަހަރުގެ ފެށުން އޭޕްރީލް 14 ގައި ފާހަގަކުރި ގޮތާއި ވައްޓަފާޅި އެންމެ ރަނގަޅަށް މިހާރު ވަޒަންކުރެވޭނީ ވެސް ސްރީ ލަންކާ އިންނެވެ. ދެން ބަންގާޅާއި ކެރެލާއިންނެވެ. ދިވެހިންގެ ފާހަގަކުރަމުން އައި ސަގާފީ އާ އަހަރު ދޫކޮށްލުމަކީ ގައުމީ ގޮތުން ކޮންމެވެސް ވަރެއްގެ ރުކުނެއް ދޫކޮށްލުމެކެވެ.
މަރުހޫމް ސިއްކަގޭ މުހައްމަދު ނަސީމް ވިދާޅުވެފައިވާ ގޮތުގައި ދިވެހިން ސަގާފީ އާ އަހަރު ފާހަގަ ކުރުން ހުއްޓާލާފައި ވަނީ 19 ވަނަ ގަރުނުގެ ފަހުކޮޅާ ހަމައިން ރާއްޖެއަށް އައި ސިޔާސީ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ކަމަށް ބެލެވެވެ. އެ ތަފުސީލު ހޯދިފައެއް ނެތެވެ.
އެހެން ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ސާގާފީ އާ އަހަރު ފަށާ ދުވަހަށް ދިވެހިން "ބިހުރޯޒް" ގެ އިތުރުން "މުލަބައިސާގު" އޭ ވެސް ކިޔައެވެ. އިސްލާމްވުމުގެ ކުރީގެ ބައެއް އާދަތައް ބަދަލުވި އިރު ދިވެހިންގެ އެ އާދަ ދޫކޮށްލާފައިވުން އެކަށީގެންވާ ކަމަށް ވެސް ބައެއް ބޭފުޅުން ފާހަގަ ކުރެ އެވެ. ނަމަވެސް ބަންގާޅުގެ މުސްލިމުން މިހާރު ވެސް ސަގާފީ އާ އަހަރު އެ ދުވަހުގައި ފާހަގަކުރެ ކުރެ އެވެ. އެހެން ކަމުން އެއީ އެގޮތަށް އުވިގެން ދިޔަ ދުވަހެއްތޯ ވެސް ސުވާލު އުފެދެ އެވެ.
ދުނިޔޭގެ ހުރިހާ ގައުމެއްގައި މީލާދީ އާ އަހަރު ޖެނުއަރީ 1 ގައި ފަށައި އެކަން ފާހަގަ ކުރެތެވެ. ހަމައެހެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެމީހުންގެ އަމިއްލަ ސަގާފީ އާ އަހަރު ވެސް ފާހަގަކުރެ އެވެ. އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި ވެސް އެ އާދަ، އެ ގޮތަށް ހިނގަ އެވެ. އީރާނުގައި އެމީހުންގެ ސަގާފީ އާ އަހަރު ނުވަތަ ނާރޯޒް ދުވަސް ފާހަގަކުރެ އެވެ. އިންޑޮނޭޝިޔާ އާއި މެލޭޝިޔާ އާއި ޗައިނާ އާއި ސިންގަޕޫރުގައި ވެސް މީލާދީ އާ އަހަރާއި ހިޖުރީ އާ އަހަރުގެ އިތުރުން ސަގާފީ އާ އަހަރު ފާހަގަކުރެ އެވެ.
ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވެ ޓޫރިސްޓުން ޒިޔާރަތް ކުރާ ގައުމަކަށްވެފައި ދިވެހިން ސަގާފީ އާ އަހަރު، "ބިހުރޯޒް" ފާހަގަކޮށް ފެސްޓިވަލްތައް ބާއްވާނަމަ އަދި އެކަން އެމްއެމްޕީއާރްސީ ފަދަ އިދާރާއިން ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް "ސަނީ ސައިޑް އޮފް ލައިފް" ގެ ތެރޭގައި ހިމަނައި ދުނިޔޭގައި ޕްރޮމޯޓް ކުރަން ފަށައިފި ނަމަ އެއީ ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުމަށް ވެސް އޮތް ބޮޑު ބާރަކަށް ވެގެންދާނެ އެވެ. އަދި ވަޅުލެވިފައިވާ ރާއްޖޭގެ ސަގާފީ ކަންކަމާއި އާދަތައް ވެލި ފޮޅާލާފައި "ތެދުވެ" ދިރިގެން ދިއުމުގެ ބާރަކަވެސް ވެގެންދާނެ އެވެ.
ސިންގަޅައިން، އެ މީހުންގެ "ހާވެސްޓް ފެސްޓިވަލް" ނުވަތަ "ދަނޑުވެރިކަމުގެ އީދު" ފާހަގަކުރަނީ އޭޕްރީލް 14 ވަނަ ދުވަހު އެވެ. ހަމަ އެހެންމެ އެ ތާރީހުގައި ދިވެހިން ވެސް "އެއްގަމުގެ ރޯދީގެ ދުވަސް" ފާހަގަކުރަމުން އައި ކަން ވެސް އެނގެ އެވެ. (މިތަނުގައި އެއްގަމު ރޯދީގެ ބަދަލުގައި ހެވީ "ގަމު ރޯދި" ބޭނުން ކުރުމެވެ.) އިތުރަށް ހޯދައި ބަލައިފިނަމަ މި ދުވަހާ ގުޅޭ ގިނަ ވާހަކަ ލިޔެވިދާނެ އެވެ. ގަދީމީ ޒަމާނުގައި "އެއްގަމު ރޯދީގެ ދުވަސް" އޭޕްރީލް 14 ގައި ފާހަގަކުރި ފަދައިން އެނަމުގައި ނުވަތަ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި އެ ދުވަސް ގެނައުމަކީ ރާއްޖޭގެ ދަނޑުވެރި ކަމަށް ޖަހާލައިވޭ ތާޒާ ފެނަކަށްވާނެ އެވެ.
ކުޑައިރު އަޅުގަނޑަށް ނިސްބަތްކޮށް ބިހު އާއިލާއޭ ބުނަނީ ކީއްވެގެންކަން ހޯދާކަށް ފަސޭހައެއް ނުވި އެވެ. އެކަމަކު މި މަސައްކަތުން ހޯދުނު ހޯދުންތަކުން ބިހުރޯޒް ކަމަނާގެ އާއިލާ އާއި އައްޑު އަތޮޅާއި ހުވަދު އަތޮޅުން ދެމިގެން އައި އަޅުގަނޑުގެ މަންމަ ފަރާތު އާއިލާއާ ގުޅުމެއްވާކަމަށް ބެލެވެ އެވެ. މުޅީން ކަށަވަރެއް ނުކުރެވުނެވެ. އަދިވެސް ބަލާނީ އެވެ.