ހަބަރު

މާފުށީގެ މަގުތަކުގައި "ހަމައެއްނެތި" ހުރި ގަސްތައް ނަގައިފި

ކ. މާފުށީގެ މަގުތަކުގައި "ހަމައެއްނެތި" އިންދާފައި ހުރި ގަސްތައް ކައުންސިލުން ނަގައިފި އެވެ.

މާފުށީ ކައުންސިލްގެ މެންބަރު، އަލީ ޝަމްމޫން ވިދާޅުވީ ކައުންސިލުން އިސް ނަގައިގެން ކުރި މަސައްކަތުން ގަސްތައް ނަގައި މަގުތައް ސާފުކޮށްފައިވާ ކަމަށެވެ.

"ނަގާފައިވަނީ ފާރު ބުޑުގައި ފަސް ފޫޓަށްވުރެ ދުރުގައި އިނދާފައި ހުރި ގަސްތައް. މި ގަސްތައް ނެގުމުން މިހާރު މަގުތައް ވަނީ ސާފުވެފަ،" ޝަމްމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތް ކުރީ މާފުށި ސާފު ކުރުމުގެ ގޮތުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން މާފުށީގެ ފެހިކަމަށް ގެއްލުމެއް ނެތް ކަމަށް ޝަމްމޫނު ވިދާޅުވި އެވެ.

"ގިނައިން ހުރީ ކޮޕީފަތް ކަހަލަ ގަސްތައް. މާގަސްވެސް ހުރި. އެހެންވެ މި ތަންތަން ނެގީ. މީގެ ތެރޭގައި ހުންނާނީ ބޮޑު ދެ ގަސް ވަރު،" ޝަމްމޫނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތް އެއްކޮށް ނިމުމުން މާފުށި ފެހި ކުރުމަށް މަސައްކަތްތަކެއް ފަށަން ނިންމާފައިވާ ކަމަށެވެ.

"ގަވާއިދެއް ހަދައި މާފުށި ފެހި ކުރުމަށް މަސައްކަތްތަކެއް ފަށަން މިހާރު ވާނީ ނިންމާފަ،" ޝަމްމޫން ވިދާޅުވި އެވެ.

މާފުށީ، ގޭގޭގެ ފާރު ކައިރީގައި ހުރި ގަސްތައް ނެގިއިރު، އެ ރަށުގެ ބައެއް މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ފެހިކަލް ގެއްލޭނެ ކަމަށް ބައެއް އާއްމުން ބުނެފައިވެ އެވެ.