ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަސާސީ ހިދުމަތްތައް މިދައުރުގައި ހަމަޖެހޭނެ: ރައީސް

އެއްވެސް ރަށެއް ތަފާތު ނުކޮށް އަސާސީ ހިދުމަތް ދޭން ކުރެއްވި މަސައްކަތް ވެރިކަމުގެ މިދައުރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކ. މާފުށީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ ރަށްރަށުގައި އަސާސީ ހިދުމަތް ގާއިމުކޮށްފައި ނުވާތި އެއްވެސް ތަފާތުކުރުމެއްނެތި އެރަށްތަކުގައި ނެތް ހިދުމަތްތައް ގާއިމުކޮށްދިނުމަށެވެ.

ރައީސް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ވީވައުދުތަކުގެ ތެރެއިން 90 ޕަސަންޓް ވައުދު ފުއްދިއްޖެ ކަމަށާއި ނުވަތަ ފުއްދެއް ކައިރިވެފައިވާ ކަމަށެވެ. އެގޮތުން މިއަދު އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ އެއްވެސް ރަށެއް ނޯންނާނެ ކަމުގައި ވިދާޅުވި އެވެ.

"މިދައުރު ނިމޭއިރު ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް އެ ނިމެނީ. ކަރަންޓާއި ބަނދަރާއި އަދިވެސް ބޭނުންވާ ސިއްހީ ހިދުމަތާއި ތައުލީމު ގާތުން ދިނުމާއި ހުރިހާ ކަމެއް އެއްފަހަރާ އެދަނީ ހިނގަމުން،" ރައީސް ވިދާޅުވި އެވެ

އެމަނިކުފާނު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގައި އަމާންކަމެއް ރައްކާތެރިކަމެއް ނެތް ކަމަށެވެ. ނަމަވެސް މިއަދު ގައުމަށް ހަމަޖެހުން ލިބި އަމާންރާއްޖެއް ހޯދިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ކުރަން ބޭނުންވި ބައެއް ކަންކަން ލަސްވީ ކޮވިޑް 19އާއި ގުޅިގެން ކަމަށެވެ. ނަމަވެސް މިހާރު އަލުން މަސައްކަތްތައް ފެށި ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ސަރުކާރުން ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.