މާފުށި

މާފުށި ގޯތި ލިސްޓު އިއުލާންކޮށްފި

ކ. މާފުށި ކައިރިން އަލަށް ހިއްކި އާ މާފުށިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އިއުލާނުކޮށްފި އެވެ.

އާ މާފުށިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މާފުށި ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭންގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި 2،000 އަކަފޫޓްގެ 308 ބަންޑާރަ ގޯއްޗެވެ.

އާ މާފުށިން ގޯތި ލިބޭ މީހުންގެ ނަންތައް އިއުލާނު ކުރީ ރޭގެ ވަގުތެއްގަ އެވެ. އަދި އެ ލިސްޓަށް މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ޝަކުވާ ހުށަހެޅޭނެ ކަމަށް މާފުށީ ކައުންސިލުން ކުރި އިއުލާނުގައި ވެއެވެ.

މާފުށީ ކައުންސިލުން ނެރުނު ލިސްޓުގައި ހަމައެކަނި ހުރީ ގޯތި ލިބުނު 308 މީހުންގެ ނަމެވެ. އަދި އެ ލިސްޓަށް ބަލާއިރު ގޯތި ލިބިފައިވަނީ މާފުށީގެ ރަޖިސްޓްރީގައި ހިމެނޭ މީހުންނެވެ.

މާފުށިން ދޫކުރި ގޯއްޗައް ކުރިމަތިލުމަށް އެ ރަށުގެ ރައްޔިތަކަށް ވާކަށް ނުޖެހެ އެވެ. ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ލިބިފައިނުވާ ކޮންމެ މީހަކަށް ވެސް އެ ގޯތިތަކަށް ކުރިމަތި ލާން ފުރުސަތު ދިނެވެ. އެހެންނަމަވެސް ޕޮއިންޓް ދީފައިވަނީ އެ ރަށުގެ ރައްޔިތުންނަށާއި އެ ރަށުގައި ދިރިއުޅޭ މީހުންނަށް އިސްކަންދީގެންނެވެ.

ގޯތިތަކަށް ކުރިމަތިލާފައިވާ މީހުންގެ ޖުމްލަ އަދަދެއް އެނގިފައެއް ނުވެ އެވެ.

ގޯތި ދިނުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ އެމްޓީސީސީ އާއި ހަވާލުކޮށްގެން 2021 ވަނަ އަހަރު މާފުށީ ފަޅުން 25 ހެކްޓަރު ހިއްކި ސަރަހައްދެވެ. މި ސަރަހައްދު ހިއްކާފައިވަނީ ސަރުކާރުން ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކޮށްދިނުމަށްޓަކައި ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.