ހަބަރު

ގާނޫނާ ހިލާފު އެއްވުންތައް ލައިވް ކުރާނަމަ ފިޔަވަޅު އަޅަން ނިންމައިފި

ގާނޫނާ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާ އެއްވުންތަކާއި މުޒާހަރާތައް ލައިވްކޮށް ދައްކާ ޗެނަލްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ފަހަކަށް އައިސް، ރާއްޖެއަށް ދިމާވެފައި މިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ބައެއް ބްރޯޑްކާސްޓް މީޑިއާތަކުން ގައުމުގެ އަމަން އަމާންކަން ގެއްލޭ ގޮތަށާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރަމުންދާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ.

ބްރޯޑްކޮމް އިން މިއަދު ނެރުނު އެ ސާކިއުލާގައި ބުނެފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކަށާއި، އަބުރު ރައްކައުތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެ އާ ހިލާފަށް އަމަލުކުރަމުންދާ ބްރޯޑްކާސްޓަރުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އަދި ފުލުހުންގެ ހުއްދަ ނެތި ގާނޫނާ ހިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ޕްރޮމޯޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ސަބަބުން އެއްވެސް ގާނޫނަކާ ހިލާފުވާނަމަ އެ ކަމުގެ ފުރިހަމަ ޒިންމާ އެ ބްރޯޑްކާސްޓަރަކު ނަގަންޖެހޭނެކަމަށްވެސް ބްރޯޑްކޮމް އިން ބުނެފައިވެ އެވެ.

ބައެއް މީޑީއާތަކުން ކަމުގެ ހަގީގަތްތް އޮޅޭގޮތަށް ހަބަރު ފެތުރުމާއި ދައުލަތުގެ ބާރުތަކާއި އެކި މުއައްސަސާތަކުގެ އަގު ވެއްޓޭގޮތަށް ތަފާތު ފަރާތްތަކުން ދައްކާ ވާހަކަތައް ގެނެސްދިނުމާއި އެ މުއައްސަސާތަކާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭނޭ ފަދަ ކޮންޓެންޓް ގެނެސްދޭ ކަމަށެވެ. އަދި މީގެ އިތުރުން، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ބޭއްވޭ މުޒާހަރާތަކާއި އެއްވުންތައް ވެސް ބައެއް ބްރޯޑްކާސްޓަރުން ލައިވްކޮށް ގެނެސްދެމުންދާ ކަމަށެވެ.

ބްރޯޑްކޮމް އިން އެ ސާކިއުލާ ނެރުނު އިރު އިދިކޮޅު ފަރާތްތަކުން ދަނީ މާދަމާ އެއްވުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ރާވަމުންނެވެ. އަދި އެ ހަރަކާތް ހިންގަން ހުއްދަ ނުދޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މާލޭގައި މުޒާހަރާ ކުރަން ހުއްދަދީފައިވާ ސަރަަހައްދު ކަމަށްވާ ކާނިވާ ސަރަހައްދުގައި ފިޔަވައި އެެހެން ތަންތަނުގައި ހުއްދަ ނުހޯދާ މުޒާހަރާ ކުރާނަމަ ހުއްޓުވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ކާނިވާ ނޫން ސަރަހައްދެއްގައި މުޒާހަރާ ނުކުރެވޭ ގޮތަށް ނިންމީ މިދިޔަ އަހަރުގެ ތެރޭގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހަށް ފަހުގަ އެވެ. މީގެ ކުރިން އެއްވެއުޅުމުގެ ގާނޫނު އޮންނަ ގޮތުން، ފުލުހުންނަށް އެންގުމަށް ފަހު، ގްރީން ޒޯން ކަމުގައި ނުހިމެނޭ މާލޭގެ ކޮންމެ ސަރަހައްދެއްގައި އެއްވުންތައް ބޭއްވޭނެ އެވެ. އަދި އެއާޕޯޓާއި ބަނދަރު ފަދަ ތަންތަނުގައި މުޒާހަރާ ކުރުން ވަނީ ގާނޫނުން މަނާކޮށްފަ އެވެ.