ހަބަރު

ފާރިސް ހައްޔަރުކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތުނާފު ކުރުމަށް އޭނާގެ ވަކީލުން މިއަދު ހުށަހަޅައިފި އެވެ.

ފާރިސްގެ ވަކީލް މައުމޫން ހަމީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ފާރިސް ހައްޔަރުކުރަން ނެރުނު މައްސަލަ އިސްތިނާފު ކުރުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް މިއަދުގެ މެންދުރުފަހު ކުރިމިނަލް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

މަޖިލީހުގެ މެންބަރުނަށް ރިޝްވަތުދިން ކަމުގެ ތުހުމަތުގައި ފާރިސް މައުމޫން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އަދި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އެ މައްސަލައިގައި ހެކި ހޯދުމަށް ފާރިސް ދިރިއުޅުއްވާ މ. ސްނޯރޯޒްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓް ވަނީ ފުލުހުން ބަލައި ފާސްކޮށްފަ އެވެ. އަދި ކޯޓް އަމުރެއްގެ ދަށުން އެ ގޭގެ ސީސީޓީވީ ފްޓޭޖްތައް ހުރި ޑީވީއާރުވެސް ވަނީ ގެންގޮސްފަ އެވެ.

ފާރިސްގެ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވީ ފާރިސް މިހާރު ބަންދު ކޮށްފައި އެވަނީ ގާނޫނާ ހިލާފަށް ކަމަށާއި އަދި ކޯޓް އަމުރާވެސް ކަނޑައެޅިގެން ހިލާފަށްކަމަށެވެ. އަދި ގާނޫނީ ހަމަތަކުގެ މަތިން ހިންގި ތަހުގީގެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ފާރިސް ވަނީ ވިދާޅުވެފައިވާ ކަމަށާއި އަދި ގާނޫނާ ހިލާފަށް ހިންގާ ތަހުގީގަކަށް އެއްބާރުލުން ނުދެވޭނެ ކަމަށް ފާރިސް ވިދާޅުވެފައިވާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

ފާރިސް ހައްޔަރުކޮށްގެން ދޫނިދޫގައި ބަހައްޓާފައިވާއިރު އޭނާގެ މައްޗަށް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ހިލާފަށް ބޭނުންކުރި ކަމަށް ބުނެ، ޝަހުސު އޮޅުވާލި ކަމުގެ ދައުވާކޮށް ދެވަނަ އަޑުއެހުމެއް ވަނީ މިއަދު ބާއްވާފަ އެވެ. އަދި އެ މައްސަލައަށް ޖަވާބުދާރީ ވުމަށް ވަގުތު ނުލިބޭ ކަމަށް ކޯޓުގައި ވިދާޅުވުމުން، ފާރިސް އަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ކޯޓުން މިމަހު 31 ވަނަ ދުވަހަށް އިތުރު އަޑުއެހުމެއް ވަނީ ތާވަލް ކޮށްފަ އެވެ.