ހަބަރު

ސަފުތައް ފަޅާލައި މެންބަރުން މަޖިލީހަށް ވަން މައްސަލަ ބަލަނީ

ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހަށް ވަން މެންބަރުންގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް މިއަދު ނޯންނާނެ ކަމަށް އިއުލާންކޮށްފައި ވަނިކޮށް މަޖިލީހަށް ދިއުމުގެ ނަމުގައި ފުލުހުންގެ ސަފުތައް ފަޅާލުމަށްފަހު ބައެއް މެންބަރުން މަޖިލީހުގެ ތެރެއަށް ވަން މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަދި ފުލުހުންގެ ސަފުތައް ފަޅާލުމަށްފަހު ރައްޔިތުން މަޖިލީހުގެ މެންބަރުންތަކަކާއެކު މަޖިލީހުގެ ގޮނޑި ގެއްލިފައިވާ މެންބަރުން ނުވަތަ މަޖިލިސް މެންބަރު ނޫން ބަޔަކު މަޖިލިސް އިދާރާއަށް ވަދެފައިވާތީ އެ ކަން ސީރިއަސް މައްސަލައެއް ގޮތުގައި ބަލައިދިނުމަށް އެދި މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ބުންްޏެވެ.

ފުލުހުން ވަނީ މަޖިލީހުގެ އިދާރާގެ ތެރެއަށް މަޖިލިސް މެންބަރުން ނޫން ބަޔަކު މަޖިލީހުގެ ތެރެއަށް ވަދެފައި ވާތީ އެ މެންބަރުން އެތަނުން ނެރެން ސިފައިން އެދުމުން އެ މީހުންނަށް އެހީތެރިކަމާއެކު ބާރުގެ ބޭނުން ކޮށްގެން އެ މެންބަރުން މަޖިލީހުން އެމީހުން ނެރެފަ އެވެ. އަދި ފުލުހުުން ވަނީ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި އަމިތު ފުލުހުން ހައްޔަރުކޮށްފަ އެވެ. އެ މީހުންނަކީ ޕީޕީއެމްއިން ވަކިކުރުމުގެ ސަބަބުން މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ މެންބަރުން ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ބޭފުޅުންނެވެ.