ހަބަރު

ފާރިސް މާފުށީ ޖަލަށް އަލުން ބަދަލުކޮށްފި

ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުރި ދިއްގަރު ދާއިރަގެ މެންބަރު ފާރިސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ. ފާރިސްގެ ވަކީލު މައުމޫން ހަމީދު ދެންމެއަކު ކުރެއްވި ޓްވިޓެއްގައި ވިދަޅުވެފައި ވަނީ ފާރިސް މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަން ފުލުހުން މިރޭ ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

މިިދިޔަ އަނގާރަ ދުވަހު ފާރިސް ދިރިއުޅުއްވާ ގެއިން އޭނާ ހައްޔަރު ކުރުމަށް ފަހު ފުރަތަމަ ގެންގޮސްފައި ވަނީ ވެސް ދޫނިދޫއަށެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ފާރިސް އަލުން ދޫނިދޫ ޖަލަށް ގެންދިޔައީ ތަހުގީގަށް ބޭނުންވާ ސުވާލުތަކެއް ކުރުމަށް ކަމަށް ބުނެ އެވެ.

ފަރިސް ހައްޔަރުކޮށްފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހަައްމަދުގެ އިތުބާރު ނެތް މައްސަލާގައި މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ ރިޝްވަތު މައްސަލާގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ހުކުމްކޮށްފަ އެވެ. ނަމަވެސް އެ މައްސަލާގެ ތަހުގީގެއް ވެސް އަދި ނުނިމެ އެވެ.