ހަބަރު

ނަސްރީނާ ފުރަތަމަ ފަހަރަށް ކޯޓަށް ވަޑައިގެންފި

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން، މެޑަމް ނަސްރީނާ އިބްރާހިމް ފުރަތަމަ ފަހަރަށް ޝަރުއީ ކޯޓަކަށް ވަޑައިގެންފި އެވެ. މެޑަމް ނަސްރީނާ ވަޑައިގެންނެވީ ދޮށީ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރި މައްސަލާގައި މިއަދު ހައިކޯޓްގައި ބޭއްވި އިސްތިއުނާފު އަޑުއެހުމަށެވެ.

ނަސްރީނާ މިއަދު ހައިކޯޓަށް ވަޑައިގެންނެވިއިރު ހައިކޯޓު ގާއިމުކޮށްފައިވަނީ ރައީސް މައުމޫންއާއެކު ނަސްރީނާ ކުރިން ދިރިއުޅުއްވި ތީމްގޭގަ އެވެ.

ދަރިކަލުންނަށްޓަކައި ހަޔާތުގައި ފުރަތަމަ ފަހަރަށް ނަސްރީނާ ކޯޓަކަށް ވަޑައިގެންނެވިއިރު ރައީސް މައުމޫން ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ފުރަތަމަ ފަހަރަށް ކުރިމިނަލް ކޯޓަށް ވަޑައިގަންނަވާފަ އެވެ. އެމަނިކުފާނު ވެސް ވަޑައިގެންނެވީ ފާރިސްގެ މައްސަލައެއްގެ ޝަރީއަތް އަޑުއެއްސެވުމަށެވެ.

މެޑަމް ނަސްރީނާއާކު ކޯޓަށް މިއަދު ވަޑަައިގެންނެވީ ދަރިކަނބަލުން ޔުމްނާ މައުމޫން އެވެ. ފާރިސް މައުމޫން ހައްޔަރުކުރުމާއި ގެ ބަލާފާސްކުރިއިރު އާއި ކޯޓަށް ހާޒިރުކުރާ ވަގުތުތަކުގައި ވެސް ފާރިސްގެ އަނެއް ދައްތަ، ޔުމްނާ މައުމޫން ވަރަށް އަރިހުގައި ހުންނަވަ އެވެ. އަދި ފާރިސް އާއި ރައީސް މައުމޫންގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވަ އެވެ.

ރައީސް މައުމޫންގެ އަނެއް ދެ ބޭފުޅުން އަދިވެސް ތިއްބެވީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ މަގާމުގަ އެވެ. ފާރިސް އާއި ރައީސް މައުމޫނަށް އެކި ގޮތްގޮތުން ސަރުކާރުގެ ފަރާތުން އުނދަގޫތައް ކުރިމަތިވާއިރު ވެސް ދުންޔާ މައުމާނާއި ގައްސާން މައުމޫން ސަރުކާރުގައި ތިއްބުމުން ސުވާލު އުފައްދައި އުފެއްދުމަށް ޔުމްނާ ވަނީ ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ޖަވާބު ވެސް ދެއްވާފަ އެވެ. ޔުމްނާ ވިދާޅުވީ، ކޮންމެ އާއިލާއެއްގައި ވެސް ސިޔާސީ ގޮތުން ހިޔާލު ތަފާތު މީހުން ތިބޭނެ ކަމަށެވެ. އެއީ ހަމައެކަނި އެ އާއިލާއަށް ހާއްސަ ކަމެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގެ ބޭފުޅުންގެ ތެރެއިން ދުންޔާ އާއި ޔުމްނާއަކީ އެއްމާބަނޑު ދެބެންނެވެ. އެ ދެބެންގެ ހަގަށް ތިއްބަވަނީ ފާރިސް އާއި ގައްސާނެވެ.