ހަބަރު

ފާރިސް މާފުށީ ޖަލަށް ބަދަލުކޮށްފި

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މާފުށީ ޖަލަށް މިއަދު ބަދަލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ. ރިޝްވަތު ދިނުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ފާރިސް ހައްޔަރުކޮށްގެން ފުރަތަމަ ގެންދިޔައީ ދޫނިދޫއަށެވެ.

މައުމޫން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ފާރިސް މާފުށީ ޖަލަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ގާނޫނާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އެކަން ވަނީ ކުރިމިނަލް ކޯޓުގެ ސަމާލު ކަމަށް ވެސް މައުމޫން ގެންނަވާފަ އެވެ.

ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވީ ގާޒީ އާދަމް އާރިފަށް މައުމޫން ފޮނުއްވި ސިޓީއެއްްގައި ވިދާޅުވެފައިވަނީ، ފާރިސްއަށް ހުކުމް ކުރެވެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ރިމާންޑް ޖަލެއްގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފާރިސްގެ މައްޗަށް މިހާތަނަށް ހައްޔަރުކުރި މައްސަލާގައި ދައުވާކޮށްފައިނުވާއިރު ރިމާންޑް ޖަލެއްގައި އޭނާ ބަންދުކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

މައުމޫން ވިދާޅުވީ، ތަހުގީގު މަރުހަލާގައި ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަކީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ)އާ ހިލާފު ކަމެއް ކަމަށެވެ. އެ މާއްދާގައި ބުނެފައިވަނީ، ތަހުގީގަށް ބަންދުކުރެވޭ މީހުން ބައިތިއްބަންޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށެވެ. ދޫނިދޫ ޖަލަކީ ކަސްޓޯޑިއަލް ޖަލެކެވެ. މާފުށީ ޖަލަކީ ރިމާންޑް ޖަލެކެވެ. ރިމާންޑް ޖަލުގައި ބައިތިއްބަންޖެހޭނީ ތަހުގީގު ނިމި ޝަރީއަތް ފެށުމުގެ ކުރިން ނުވަތަ ޝަރީއަތް ފެށި ހުކުމް ކުރުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުނެވެ.

މައުމޫން ވަނީ، އިސް ގާޒީއަށް ލިބިދޭ ބާރުގެ ދަށުން ފާރިސް ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކޮށްފައިވާ އަމުރު މުރާޖައާ ކޮށްދިނުމަށް ގާޒީ އާދަމް އާރިފްގެ އަރިހުން އެދިފަ އެވެ.