ހަބަރު

ގެއްލިގެން އުޅުނު އަންހެން ކުއްޖާ ހޯދައިފި

މާލެއިން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އަންހެން ކުއްޖާ ފެނިފައިވަނީ މިއަދު މެންދުރު 12:00 ހާއިރު މާލެއިން ކަމަށެވެ. ނަމަވެސް އެކުއްޖާ ފެނުނީ ކިހާ ހިސާބަކުން ކަމާއި ނުވަތަ އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

"އަވަސް"އާ ވާހަކަ ދެއްކި ގެއްލުނު ކުއްޖާގެ ބައްޕަ އަހުމަދު ސަލީމް ބުނީ އޭނާ މިވަގުތު ހުރީ ދަރިފުޅާ ހަވާލުވުމަށް ފުލުހުންގެ އިދާރާއަށް ގޮސްފައި ކަމަށެވެ. އެހެންކަމުން މިވަގުތަށް އެކަމާ ގުޅޭ މައުލޫމާތެއް ނޭނގޭ ކަމަށެވެ.

ހުޅުމާލޭގެ ސްކޫލެއްގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ އެ އަންހެން ކުއްޖާ ގެއްލިގެން ހޯދަން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 12:30 ހާއިރެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެރޭ ފަތިހު 5:30 އެހާއިރެވެ. އެ ކުއްޖާ ހޯދާ ފަރާތަކަށް 5000 ރުފިޔާގެ އިނަމެއް ދޭނެ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފަ އެވެ.