ހަބަރު

"ހަމަ ނުޖެހުން ހިންގާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނަން"

ގާނޫނާ ހިލާފު އަމަލުތަކަށް ތަރުހީބުދީ، އަދި އެފަދަ އަމަލުތަކުގައި ބައިވެރިވެ، އަމާންކަން ނަގާލުމުގައި ބައިވެރިވާ ފަރާތްތަކާމެދު ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓްރީން އިންޒާރުކޮށްފި އެވެ.

މިނިސްޓްރީން މިއަދު ނެރުނު ބާޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އިސް މަގާމުތައް އަދާކޮށްފައިވާ ބޭފުޅުން ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް ހިއްވަރުދީ އެފަދަ އަމަލުތަކުގައި ބައިވެރިވެ ހިންގަމުންދާ އަމަލު ތަކަކީ ރައްޔިތުން ބަލައިގަންނަ އަމަލު ތަކެއް ނޫން ކަމަށެވެ. އަދި ގާނޫނާ ހިލާފު އަމަލުތައް ހިންގާ ފަރާތްތައް ހައްޔަރުކޮށް އެފަރާތްތައް ޝަރީއަތަށް ފޮނުވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އަދި ބުނީ ރާއްޖޭގެ 52 ވަނަ މިނިވަންދުވަހާ ދިމާކޮށް އިދިކޮޅުގެ މަދު ބަޔަކު އެކުވެގެން މާލޭގެ މަގުތަކުގައި ހަމަނުޖެހުން ހިންގައި، ރާއްޖޭގައި އެކުވެރި ކަމާއި އެއްބައިވަންތަ ކަން ނެއްކަން ބޭރުގެ ފަރާތްތަކަށް ދައްކަން ގާނޫނާ ހިލާފަށް ހިންގި އަމަލު ތަކަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި އެފަދަ ނާތަހުޒީބު އަމަލުތައް ދިވެހިން މިހާރު ބަލައި ނުގަންނަ ކަމަށެވެ.

"ގައުމުގެ އަމާން ކަމާއި ސުލްހަ މަސަލަސްކަން ނަގާލައި ގާނޫނާ ހިލާފަށް ބާއްވަމުންދާ އެއްވުންތަކާއި ފުލުހުންނާއި ސިފައިންނާ ކުރިމަތިލުން ތަކަކީ ޒުވާނުންނާއި ކުޑަކުދިންނަށް ދެއްކޭނެ ކަހަލަ މަންޒަރުތަކެއް ނޫން. އެކަންކަން ހުއްޓާލައި ގާނޫނުގައި އަންގާފައިވާ ގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރަން." މިނިސްޓްރީން ބުންޏެވެ. "މިނިސްޓްރީގެ ގަވާއިދުގައި އިއުލާނުކޮށް އަންގާފައިވާ ހެންވޭރު ކާނިވާ ސަރަހައްދު ފިޔަވާ އިތުރު ތަނެއްގައި ބާއްވާ މުޒާހަރާތަކާއި ހަރަކާތައް ފުލުހުންގެ ހުއްދަ އަކާ ނުލައި ބޭއްވުމަކީ ގާނޫނާ ހިލާފު އަމަލެއް"

އިދިކޮޅު ފަރާތްތަކުން ސިޔާސީ މަސްރަހު ހޫނުކޮށް މިހާރު ކުރިއަށްގެންދާ މުޒާހަރާތަކަކީ ގާނޫނާ ހިލާފަށް ކުރަމުންދާ މުޒާހަރާއެއް ކަމަށާއި އެކަން ގާނޫނީ އިމުގެ ތެރެއިން ކުރުމަށް ފުލުހުންވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ. މި މުޒާހަރާތަކުގައި ބައިވެރިވި ބައެއް މީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފަ އެވެ. އަދި ރޭ ވަނީ ފުލުހުންގެ މަސައްކަތައް ހުރަށްއ އެޅިކަމަށް ވިދާޅުވެ ނޫސްވެރިންވެސް ހައްޔަރު ކޮށްފަ އެވެ. ނަމަވެސް ނޫސްވެރިންވަނީ ރޭ ދޫކޮށްލާފަ އެވެ.